ޚަބަރު

3،000 ހަމަ ކުރިތާ ތިން މަސް ވަނީ، ފޯމުތައް ޕްރޮސެސް ނުކުރަނީ އީސީން: އެމްއާރްއެމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީގެ ތިން މަސް ކުރިން 3،000 މެންބަރުން ހަމަވެފައިވާ ކަމަށާއި އެހެން ނަމަވެސް، މެންބަރުންގެ ލިސްޓުން އެ އަދަދު އަދި ނުދައްކަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެ ފޯމުތައް ޕްރޮސެސް ކުރުން ލަސްވާތީ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.

Ads by Sosun Fihaara

ކުރީގެ ރައީސް ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވައިފައިވާ އެމް.އާރް.އެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާރު ވެސް 3،000އަށް ވުރެ ގިނަ މެންބަރުން ހަމަވާނެ ކަމަށާއި، އެހެން ނަމަވެސް އީސީން އަދިވެސް ގިނަ ފޯމުތައް ޕްރޮސެސް ނުކޮށް ހުރި ކަމަށެވެ.

އެގޮތުން ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ޓަކައި ފާއިތުވީ ދުވަސްތަކުގައި އެޕާޓީން ކުރި މަސައްކަތާ އެކު ޖުމްލަ 1407 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވާނެ ކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 225 ފޯމާއި އޭގެ ކުރީ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް 103 ފޯމު ހުށަހެޅި ކަމަށާއި އަދި މިއަދު ވެސް 123 ފޯމު ހުށަހަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ. އެމްއާރްއެމްއިން އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 1297 ފޯމު އަދިވެސް ޕްރޮސެސް ނުކުރެވި ހުރިކަން ވެސް އެ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.

ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ހަމަވާން ޖެހޭއިރު، އީސީއިން ކުރި އިއުލާނުގެ ފަހުން މިއަހަރުގެ މާރޗް 27ވަނަ ދުވަހާ ހަމައަށް ޖުމްލަ 700އަށް ވުރެ ގިނަ ފޯމު އެމްއާރްއެމްގެ ފަރާތުން ވަނީ އީސީއަށް ހުށަހަޅައިފައި ކަމަށާއި އެ އަދަ ދާއެކު، އީސީން ކަނޑައަޅައިފައިވާ އަދަދަށް އެ ޕާޓީގައި މެންބަރުން އެ ދުވަހު ވެސް ހަމަވާނެ ކަމަށް އެމްއާރްއެމްގެ ހިސާބުތަކުން ދައްކާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތަކަކީ، އެ ކޮމިޝަނަށް ހުށަހެޅިތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ފޯމުތަކެއްކަން ވެސް ފާހަގަ ކުރަމުން، ފޯމުތައް ޕްރޮސެސް ކުރުމުގައި އަވަސް ކޮށްދެއްވުމަށް އެދި އެމް.އާރް.އެމްއިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުންނާ ދާދި ފަހުން ބައްދަލުކޮށް ވާހަކަ ދައްކައިފައި ކަމަށާއި އަދި އެބޭފުޅުންގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، އެމްއާރްއެމްގެ ފޯމުތައް ވީ އެންމެ އަވަހަށް ޕްރޮސެސް ކޮށްދެއްވުމަށް އެ ޕާޓީގެ ހުރިހައި މެންބަރުންގެ ފަރާތުން އެ ދުވަހު ވެސް ދެންނެވި ކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މި މަހުގެ 7ގެ ކުރިން އެމް.އާރް.އެމް އިން ހުށަހަޅައިފައިވާ ފޯމުތައް ޕްރޮސެސް ކޮށްދެއްވައި އެކަން ވީ އެންމެ އަވަހަކަށް އިއުލާނު ކޮށްދެއްވުމަށް ވެސް އެ ޕާޓީން ވަނީ އީސީއަށް ގޮވައިލައިފައެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ލަސްވުމާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ، ފޯމު ޕްރޮސެސް ކުރުމުގެ މަސައްކަތުގައި މިވަގުތު ތިބީ މަދު މުވައްޒަފުންތަކެއް ކަމަށާއި ޕްރޮސެސް ކުރުމުގައި ލަސްވަނީ އެ ސަބަބާ ހެދި ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަމުން، ވަރަށް ބުރަކޮށް މި މަސައްކަތް ކުރަނީ ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން، ސިޔާސީ ޕާޓީތަކުން ހުށަހަޅައިފައިވާ ފޯމުތައް ޕްރޮސެސް ކުރެވޭތޯ. އިރާދަ ކުރެއްވިއްޔާ ޖޫން 14ގެ ކުރިން ،އެހެން ޑިޕާޓްމަންޓްތަކުން މުވައްޒަފުން ގެނެސްގެން ނަމަވެސް، ހުރިހާ ފޯމެއް ޕްރޮސެސް ކުރާނަން" ފުއާދު ވިދާޅުވެފައިވެއެވެ.

އީސީގެ ރައީސް އިތުރަށް ވިދާޅުވީ، ދީފައިވާ މުއްދަތަށް ފޯމުތައް ޕްރޮސެސް ކުރުމަކީ އެ ކޮމިޝަނުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެހެންކަމުން އެކަން ވުމުގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކަށް، އެ ޕާޓީއެއް އުވިއްޖެކަމަށް ނުވަތަ ނުއުވޭކަމަށް ވެސް ނާންގާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!