ޚަބަރު

ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުން ކުށްވެރިކުރަން އެމްއާރްއެމްއިން ސަރުކާރަށް ގޮވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ ރާއްޖެއެމްވީ

މުޅި އިންސާނިއްޔަތަށް މާތް ﷲ ފޮނުއްވި އެންމެ މަތިވެރި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَއަށް ފުރައްސާރަކޮށް، އެކަލޭގެފާނުގެ ކައިވެނިފުޅުތަކަށާއި އިސްލާމީ ރިވެތި އުސޫލުތަކަށް ބަދުބަސް ބުނެ، ހަގީގަތާ ހިލާފު ވާހަކަތަކެއް އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސްތަރުޖަމާނު ނުޕުރް ޝަރްމާ ދައްކައިފައި ވާތީ، އެކަމަށް ފާޅުގައި މާފަށް އެދެން އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުން އެދެން، މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމް.އާރް.އެމް)އިން ގޮވައިލައިފިއެވެ.

Ads by Sosun Fihaara

ބީޖޭޕީގެ ތަރުޖަމާނު ނުޕުރް ވަނީ ރަސޫލާ (ޞޢވ)އަށް ފުރައްސާރަކޮށް މިދިޔަ މަހުގެ 27ވަނަ ދުވަހު ވަރަށް ބޭއަދަބީކޮށް ވާހަކަ ދައްކައިފައެވެ. އެގޮތުން ޕްރައިވެޓް ޗެނަލަކަށް ދިން އިންޓަވިއުގައި ނުޕުރް ވަނީ ރަސޫލާ (ޞޢވ)އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް، އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން އާއިޝާ ރަޟިއަﷲއަންހާގެ ކައިވެނިފުޅަށް ފާޑުކިޔައިފައެވެ.

އޭގެ އިތުރުން ރަސޫލާ (ޞޢވ) އިސްރާއާއި މިއުރާޖަށް ކުރެއްވި ދަތުުރުފުޅަށް ވެސް ފާޑުކިޔައި، މުސްލިމުން ނަމާދުކުރަން ވުޟޫ ކުރަން ހަދައިފައި ހުންނަ ތަންތަނަށް ވެސް ވަނީ މަލާމާތް ކޮށްފައިވެއެވެ.

ނުޕުރްގެ މި ޢަމަލު ކޮށްވެރިކޮށް އެމްއާރްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَއަކީ އަޅުގަނޑުމެން މުސްލިމުންގެ އިތުރުން، ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ ޣައިރު މުސްލިމުން ވެސް ނުހަނު ލޯބިވާ އަދި އަދަބު އިހްތިރާމުކުރާ، މުޅި އިންސާނިއްޔަތަށް ފޮނުއްވުނު އެންމެ ލާމަސީލު ނަމޫނާއަށްވީ ހިނދު، އެކަލޭގެފާނާ ބެހޭ ގޮތުން މިފަދަ ބޭއަދަބީ އަދި ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރުމަކީ އެ ޕާޓީއިން ބަލައިގަންނާނެ ކަމެއް ނޫން ކަމުގައެވެ. އަދި މިފަދަ ޢަމަލުތަކަކީ އެ ޕާޓީއިން ހިތްވަރުދީ، ހަނުހުންނާނެ ފަދަ ޢަމަލުތަކެއް ވެސް ނޫން ކަމުގައި ވެސް އެމްއާރްއެމްއިން ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَއަށް ބަދުބަސް ބުނެ، ބީޖޭޕީގެ އިސްތަރުޖަމާނު ނުޕުރް ޝަރްމާ ފަތުރާފައިވާ ހަގީގަތާ ހިލާފު ވާހަކަތަކަށް ފާޅުގައި މާފަށް އެދުމަށް، އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ވީ އެންމެ އަވަހަކަށް އެދުމަށް، އެމް.އާރް.އެމްއިން ގޮވާލަން" އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބީޖޭޕީގެ ތަރުޖަމާނު، ރަސޫލާ (ޞޢވ)އަށް ފުރައްސާރަކޮށްފައި ވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި އަދާލަތު ޕާޓީ، ޢިލްމުވެރިންގެ ގުޅުމުގެ އިތުރުން އިދިކޮޅު ޕީޕީއެމްއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!