"އީސީގެ އިލްޒާމްގައި އަސާސެއް ނެތް"
އާންމުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ، އިދިކޮޅު ޕީޕީއެމްއާ ގުޅުވައި ދެއްކި ވާހަކަތަކަށް ޕީޕީއެމް، ޕީއެންސީން ރައްދު ދީފިއެވެ.
ޕީޕީއެމްގެ ވަރަށް ގިނަ ޢަދަދެއްގެ މެންބަރުން އެކިއެކި ޕާޓީތަކަށް ޚާއްޞަކޮށް އަލަށް ވުޖޫދުވި ކާނަލް ނާޒިމްގެ އެމްއެންޕީއަށާއި ޝައިޚް އިމްރާންގެ ޢަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއަށް ވަގަށް ގެންގޮސްފައި މައްސަލައާ ގުޅިގެން ޕީޕީއެމްއިން ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް އެކަންކަން ހިއްސާކޮށްފައެވެ. އަދި އެކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ދެންނެވުމުގެ އިތުރުން އެ ޕާޓީން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.
މިކަން ހިނގައިފައި ވަނިކޮށް އިއްޔެ އީސީން ނެރުއްވި ތަފާސްހިސާބުގައި ބުނެފައި ވަނީ 2018އިން 2022އާ ދެމެދު ވަގު ފޯމް ހުށަހަޅައިގެން އެންމެ ގިނަ ޝަކުވާ ހުށަހެޅިފައި ވަނީ ޕީޕީއެމާ މެދުގައި ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދީ ޕީޕީއެމް ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ތަފާސްހިސާބަކީ ވަގަށް ޕާޓީތަކަށް ވައްދާ މައްސަލައިގެ މިސްރާބު ބަދަލުކުރުމަށް ދައްކައިފައިވާ ވާހަކައެއް ކަމަށާއި އެއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ޕީޕީއެމް ބަދުނާމްކުރުމަށް ދައްކާ ވާހަކައެއް ކަމަށެވެ.
"2021 އޮކްޓޯބަރ 1އިން ފެށިގެން ޕީ.ޕީ.އެމްގެ 5000އަށް ވުރެ ގިނަ މެންބަރުން ވަގަށް ނަގައި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ ސަމާލުކަމަށް މި ކޯލިޝަންގެ ފަރާތުން ގެނެސް އެކަމުގައި އިންސާފު ހޯދުމަށް މި ކޯލިޝަނުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅާ، އެ ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށް ސަރުކާރުން އަންގައިގެން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރުމަކީ މި ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން 4 އަހަރު ތެރޭގައި ޕީޕީއެމްއިން 391 ވަގު ފޯމް ހުށަހެޅިކަމަށް ބުނާއިރު އެއީ ކިހައި ވަރަކަށް ބައްލަވައި އަދި ކޮން އަސާސެއްގެ މައްޗަށް ބުރަވެ ދެއްކި ވާހަކައެއްތޯ އެ އިދިކޮޅުން ސުވާލު އުފައްދަވައިފައި ވެއެވެ.
"2018އިން 2022އާ ދެމެދު 391 ވަގު ފޯމު ޕީ.ޕީ.އެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ވައްދައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ގެންދަނީ ކިހައިވަރަކަށް ބައްލަވައިފަތޯ؟ އެއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއްތޯ؟ އަދި އެއީ 2018އިން 2022އަށް ހުށަހަޅައިފައިވާ ފޯމުތަކުން ނަގައިފައިވާ ޢަދަދުތަކެއްތޯ؟ މި ޢަދަދު ހާމަކޮށްފައި އެވަނީ އެކަމުގެ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފަހުތޯ؟ ނުވަތަ އެފަރާތްތަކުގެ ފިންގަރޕްރިންޓް ވެރިފައި ކުރުމަށް ފަހުތޯ؟"
އިދިކޮޅުން ޗވަނީ މި މަޢުލޫމާތުތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވައިލައިފައެވެ. ހަމަ އެއާ އެކު 2018އިން 2022އަށް ޕީޕީއެމުން ހުށަހެޅިކަމަށް ބުނާ ވަގު ފޯމްތަކުގައި ހިމެނޭ މީހުންގެ މަޢުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ޝަކުވާތައް ފޮނުވައިދެއްވުމަށް ވެސް ޕީޕީއެމްއިން އެދިފައި ވެއެވެ.
މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ފަހަކަށް އައިސް ބޮޑުވެފައި މި ވަނީ 3000 މެންބަރުންނަށް ވުރެ ދަށް ޕާޓީތައް އުވާލާން ނޯޓިސް ވެސް ފޮނުވައިފައި ވަނިކޮށެވެ. އެ ގޮތުން އެމްއާރްއެމްގެ އިތުރުން އެމްޓީޑީއަށް ވެސް ވަނީ އެ ނޯޓިސް ފޮނުވައިފައެވެ. މީގެ އިތުރުން ދައުލަތުން ފައިސާ ހޯދުމުގެ ބޭނުމުގައި ކާނަލް ނާޒިމްގެ އެމްއެންޕީއާއި އަދާލަތު ޕާޓީއަށް 10 ހާސް މެންބަރުން ހަމަކުރުމަށް ފަށައިފައިވާ މަސައްކަތުގައި ވެސް ގިނަ ޢަދަދެއްގެ ވަގު ފޯމް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީތަކަށް އެޕްރޫވްކޮށްދީފައިކަމަށް އާންމުން ބުނެފައި ވެއެވެ. މީގެ ތެރޭގައި ހައްޖަށް ދިޔުމަށް ފޯމް ހުށަހެޅުމުން އަދާލަތު ޕާޓީއަށް ވައްދައިފައިވާ މީހުން ވެސް ހިމެނެއެވެ.