ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރާތީ އިންޑިއާގައި ބޮޑެތި މުޒާހަރާތަކެއް
އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސް އޮފިޝަލުންތަކެއް ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރަމުންދާތީ، އެޤައުމުގެ ގިނަ އަދަދެއްގެ މުސްލިމުންތަކެއް މުޒާހަރާކުރަން ފަށައިފިއެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ މުސްލިމުން މިކަމާ ނުރުހުން ފާޅުކޮށް މުޒާހަރާއަށް ނުކުމެފައި މިވަނީ، ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕުރް ޝަރްމާ ރަސޫލާ (ޞޢވ)އަށް މިދިޔަ މަހު ފުރައްސާރަ ކުރި ފަހުން، އެ ޕާޓީގެ އެހެން ތަރުޖަމާނެއް ކަމަށްވާ ނަވީން ޖިންދަލް ވެސް މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމުންނެވެ. މި ދެމީހުން ވެސް ވަނީ ރަސޫލާ (ޞޢވ)އާއި އެކަލޭގެފާނުގެ އަނބިކަނބަލުން އާއިޝާ (ރަޟިއަﷲ އަންހާ)ގެ ކައިވެނިފުޅާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ ދައްކައި ބަދުބަސް ބުނެފައެވެ.
އިންޑިއާގެ ޕްރައިވެޓް ޓީވީ ޗެނަލަކަށް އަރައި ނުޕުރް މި ފަދައިން ރަސޫލާއަށް ފުރައްސާރަ ކުރުމުން، އޭނާގެ މައްސަލައެއް ވެސް ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އަދި މިމައްސަލަ ދިއްލީ ފުލުހުން ބަލަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ނުޕުރްގެ ވާހަކަތަކާ ގުޅޭ ގޮތުން އޭނާ ބުނީ އޭނާ ރަސޫލާ (ޞޢވ)އާ ބެހޭ ގޮތުން އެފަދައިން ވާހަކަ ދެއްކީ ހިންދޫ ދީނުގެ މީހުން ކަލާނގެކަމަށް ޤަބޫލު ކުރާ އެއްޗަކަށް އިހުތިރާމު ނުކުރުމުން ކަމަށެވެ. އަދި އޭނާ ދެއްކި ވާހަކަތައް އަނބުރާ ގެންދިޔަ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ބީޖޭޕީން ވަނީ އޭނާ ސަސްޕެންޑު ކޮށްފައެވެ.
ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ސަބަބުން ޖިންދަލް ވެސް ވަނީ މިދިޔަ އާދީއްތަ ދުވަހު ސަސްޕެންޑު ކޮށްފައެވެ. އޭނާގެ އަމަލު ދިފާއު ކުރަމުން ޖިންދަލް ބުނީ އޭނާ އެއްވެސް ދީނަކާ ދެކޮޅު ނޫން ކަމަށެވެ.
މި ދެމީހުންގެ ބަސްތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ވަނީ އެމީހުންނަށް ނުރުހުން ފާޅުކޮށް، އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވައިލައިފައެވެ.