ފައްޔާޒް ހިމެނޭހެން ތިން މިނިސްޓަރެއްގެ ކާރުގައި "އިންޑިއާ އައުޓް"، ކަންކުރި މީހުން ހައްޔަރަށް

ތިން ވަޒީރެއްގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ،
ފުލުހުންގެ ވިދާޅުވީ، "އިންޑިއާ އައުޓް" ސްޕްރޭކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ކާރުކޮޅުގައި ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ކުރިމަތީ އޮންނަ ޕާކިން ޒޯނުގައި އޮތް ކާރަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްގެ ކާރުކޮޅެއް ކަމަށް ތަފްސީލެއް ނުދެއްވައެވެ.
މި މައްސަލައިގައި މިހާރު އެކަކު ވަނީ ހައްޔަރުކޮށްފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވައިލައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ނިންމަވައި މިކަން ހުއްޓުވުމަށް ރައީސް ޞާލިޙް ވަނީ ޤަރާރެއް ނެރުއްވައިފައެވެ.