އަނުޝްކާ ފުރަތަމަ ފަހަރަށް ރާއްޖެއަށް!
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރުމާއާއި ފިރިމީހާ ކްރިކެޓް ތަރި ވިރާޓް ކޯލީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަތުވެއްޖެއެވެ.
ދެ މީހުން ވެސް ދަނީ ރާއްޖޭގެ ރިސޯޓެއްގެ ބީޗުގައި ނަގައިފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި އަދި ޓްވިޓާގައި ހިއްސާ ކުރަމުންނެވެ. އެކަމަކު އެ ދެމަފިރިން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ރާއްޖެ އައިސްފައި ވަނީ ކޮން އިރަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އަނުޝްކާ، 34، ބޮލީވުޑަށް ނުކުތީ ޝާހްރުކް ޚާނާ އެކީ 2008ގެ "ރަބް ނެ ބަނާދީ ޖޯޅީ"އިންނެވެ. އޭނާ ޗުއްޓީއަށް އައިސްފައި މި ވަނީ އެންމެ ފަހުން ކުޅުނު 2018ގެ ފިލްމު "ޒީރޯ"އަށް ފަހު، ކުޅެން ފެށި ފުރަތަމަ ފިލްމު "ޗަކްދާ އެކްޕްރެސް"ގެ ޝޫޓިން ވެސް މިދިޔަ މަހުގެ ތެރޭގައި ފަށައިފައި ވަނިކޮށެވެ.
މިއީ އަނުޝްކާ ޗުއްޓީއަށް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ މިހައިތަނަށް ރާއްޖެ އަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާގެ ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.