ޚަބަރު

ޕީޕީއެމް ކައުންސިލަށް އިންތިޚާބުވުމުން މަލީޙް: ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައިދޭން ތައްޔާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅުގައި މިހާރު އޮތް ޕީޕީއެމްގެ ހަކަތަ ހުރީ އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްގެ ކައުންސިލަށް މަލީޙް ވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް އިންތިޚާބުން ހޮވިފައެވެ.

މިއަދު މަލީޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއާއި ވަތަނީ ފިކުރުގެ ދުޝްމަނުން ކިތަންމެ ނޭދުނަސް މުޅި ފިޔާތޮށި ލަޝްކަރުގެ ހަކަތަ އެއްތަން ކުރެވިގެންދާނީ ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށް ދިނުމަށް ކަމަށެވެ.

"އެކަމަށް ވާންޖެހޭ ކޮންމެ ޤުރުބާނީއެއް ވުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ބުންވަރު ހުސްނުވާނެ." ރައީސް ޔާމީނާ އެކު ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވާ މަލީޙް ވިދާޅުވިއެވެ.

މަލީޙަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން މަލީޙް ވަނީ މިނިސްޓަރު ކަމުން ވަކިކޮށްފައެވެ. އެއާ އެކު ދެން މަލީޙް ފެނިގެން ދިޔައީ ޖުމްހޫރީ ޕާޓީންނެވެ. 2018 ވަނަ އަހަރު ރައީސް ޞާލިޙަށް ވެރިކަން ހޯއްދަވައިދެއްވުމަށް ޖޭޕީގައި ހުންނަވާ މަލީޙް މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވިއެވެ،

ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ބޭރުކޮށްލުމުން މަލީހު ވަނީ ޖޭޕީން ވެސް ވަކިވެވަޑައިގެންފައެވެ. އަދި އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!