ރައީސް ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް
ވ.އާރަށް ކުށްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަ ށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފައެވެ.
މިއަދުގެ އަޑުއެހުން ބޭއްވުމަށް ތާވަލްކުރީ ހެނދުނު 9:30ގައެވެ. މިމައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ މިމައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައިފައިވާ ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ ވަކީލުން ބަލިވެ އުޅޭތީ އަޑުއެހުން ކެންސަލް ކޮށްދޭން އެދުމުންނެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ވަނީ 13 ހެއްކަކު ހުށައަޅައިފައެވެ. ދިފާއުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅައިފައި ވަނީ 7 ހެކިންނެވެ. މިމައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލައިގައި ހުށައަޅައިފައިވާ ހެކިންގެ ހެކިބަސްތައް މިމަހު ނަގާ ނިންމުމަށް ތާވަލުކުރައްވާނެކަމަށެވެ. އަދި މިމަހުގެ 30ގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަން ގަސްތުކުރައްވާކަމަށް ގާޒީ ވިދާޅުވިއެވެ.
ހެއްކާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާ މައްސަލައިގެ ޚުލާސާ ބަޔާން އަންނަ އޮގަސްޓްމަހު ހުށައަޅަން ތާވަލުކުރަން ގާޒީ ވަނީ ނިންމަވައިފައެވެ. އަދި އޭގެ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަވާނެކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.