ރިޕޯޓް މީހުން

ޗެކް ރިޕަބްލިކްގައި ރޮބޯމޭން ވިދައިލައިފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ރޮބޯމޭން ޗެކް ރިޕަބްލިކްގައި ދިން ޝޯއެއްގެ ތެރެއިން

މީގެ ފަސް ވަރަކަށް އަހަރުން ކުރިން އޭރު އަހަރެން ގެންގުޅެމުން އައި އިނގިރޭސި ބްލޮގެއްގައި، "ރޮބޯމޭން: ކުޑަކުދިންގެ އެކުވެރިޔާ"ގެ ނަމުގައި ލިޔުމެއް ލިޔުނީމެވެ. އޭރު އޭނާގެ މަސައްކަތަކީ މާސްކެއްގެ ފުރަގަހުގައި ހުރެ ތަފާތު ޑާންސެއް ކުރުމެވެ. ނަމަވެސް އޭނާގެ ޚާއްސަ ކަމަކީ ހަމައެކަނި ޑާންސަކުން މިކަން ފުއްދައި ނުލުމެވެ. އޭނާ ކުޑަކުދިންނާ ބަހައްޓާ ގާތްކަމާއި، އެ ކުދިން އޭނާއަށް ބަހައްޓާ ލޯތްބާ އެކު، މިއަދުގެ ހެޑްލައިންގައި ގެންނަން މި ޖެހުނީ، ރޮބޯމޭން ރާއްޖޭގެ އަސްދަނޑިން ބޭރަށް ދިޔަ ވާހަކައެކެވެ.

މި މަހުގެ 3އަކުން ފެށިގެން 27އަށް ރޮބޯމޭން ހޭދަކޮށްފައި ވަނީ ރާއްޖެއާ އެތައް މޭލެއް ދުރުގައި އޮންނަ ޗެކް ރިޕަބްލިކްގައެވެ. އެހެން ބައްރެއްގެ ކުދިންތަކެއްގެ މޫނުތަކަށް ހިނިތުންވުން ގެނެސްދިނުމުގައެވެ.

ރޮބޯމޭން ޗެކް ރިޕަބްލިކަށް ދާ ވާހަކަ އަޑުއިވުމުން ވަރަށް ގިނަ ސުވާލު އުފެދުނެވެ. ޚަބަރެއްގެ ސުރުޚީން މި ވާހަކަ އަޑުއިވުނު ނަމަވެސް ޚަބަރުގައި މާގިނަ ތަފްސީލެއް ނެތެވެ. އެހެންވެ، އޭނާގެ ތަޖުރިބާތައް ބެލުންތެރިންނަށް ގެނެސްދޭނެކަމަށް އަޒުމްކޮށް، ރޮބޯމޭންއަށް މެސެޖްކޮށްލީމެވެ. ރޮބޯމޭން އެންގީ އެހެން މީހަކަށް ގުޅުމަށެވެ. އެއީ މި ދަތުރުގެ ސްޕޮންސާއެކެވެ. މިއީ އޭނާގެ ކްލައިޓެއް ދިން ދަތުރެކެވެ.

ރޮބޯމޭން ނޫން އިތުރު ޗޮއިސްއެއް ދަރިފުޅަށް ކަމަކުނުދޭ

ޗެކް ރިޕަބްލިކަށް ރޮބޯމޭން ކުރި ދަތުރަކީ ޗެކް ރިޕަބްލިކްގައި ދިރިއުޅެމުން އަންނަ ދިވެހި އާއިލާއެއްގެ ދައުވަތަކަށް ކުރި ދަތުރެެކެވެ. އެ އާއިލާގެ ދެވަނައަށް އެންމެ ހަގު ޓޮބީގެ، ފޭވަރިޓަކީ ރޮބޯމޭންއެވެ. ޗެކް ރިޕަބްލިކްގައި އުޅޭ އިތުރު މޭނެއް ޓޮބީއަށް ކަމަކު ނުދިޔައެވެ.

"ދަރިފުޅުގެ ފޭވްރިޓް އެއީ. އަބަދު ވެސް އުޅޭނީ ލަވަތަކަށް ރޮބޯމޭންގެ ޑާންސްތައްކޮށް. މާލޭގައި ދިރިއުޅުނު އިރު، މީގެ ފަސް ވަރަކަށް އަހަރު ކުރިން ދަރިފުޅުގެ އުފަން ދުވަހުގެ ޕާޓީއަށް ފުރަތަމަ ރޮބޯމޭން ގެނައީ" ޓޮބީގެ ބައްޕަ ބުނީ އޭރުން ފެށިގެން ދަރިފުޅަށް އެންމެ ކަމުދަނީ ރޮބޯމޭން ކަމަށެވެ.

ފްރެންޑެން ސަޖެސްޓް ކުރި މީހެއް އެއީ، ވަރަށް ތަފާތުކޮށް އެންމެން އެންޓަޓައިން ކުރޭ. އޭރު ވެސް އެކި މުނާސަބާތަކަށް ރޮބޯމޭން ގެންނަމުން ދިޔައީ. އުފަންދުވަސްތަކާއި އިރުތު ސެލެބްރޭޝަންތަކަށް. ރޮބޯމޭން ކުޑަކުދިންނާ ހުންނަ ގާތްކަމަކީ ހަމަ ވަރަށް ސަޕްރައިޒިން ކަމެއް. އެ ކުދިން ވަރަށް ގަޔާވޭ އޭނާ ދެކެ. އޭނާގެ މޫވްސްތައް ނަގައިގަންނަން ވެސް ވަރަށް ފޯރި ހުރޭ

ޓޮބީގެ ބައްޕަ ބުނެފައި ވަނީ ޗެކް ރިޕަބްލިކަށް ރޮބޯމޭންއަށް ދައުވަތު ދިނީ ދަރިފުޅު ވަރަށް ކިޔާތީ ކަމަށާއި އެހައި ބިޒީކޮށް އުޅެމުން ވެސް އެހައި ދުރަށް އައުމުން ޝުކުރުވެރިވާ ކަމަށެވެ.

"ކޮވިޑާ އެކު އަޅުގަނޑުމެން މިކޮޅަށް [ޗެކް ރިޕަލްލިކަށް] ބަދަލުވީ. ޓޮބީ ބޭނުންވީ ސީދާ ރޮބޯމޭން އުފަން ދުވަހަށް، އިތުރު މީހެއް ބޭނުމެއް ނުވި. ދެން ކޮވިޑް-19 ރެސްޓްރިކްޝަނާ އެކު މިދިޔަ ދެ އަހަރު މިކަން ނުވެފައި ހުރެފައި، މި އަހަރު މިވީ" ރޮބޯމޭންގެ ދަތުރުގެ ވާހަކަތައް ކިޔައިދެމުން ޓޮބީގެ ބައްޕަ ބުންޏެވެ.

ރޮބޯމޭންނަށް ލިބުނީ ވަރަށް ވެސް ތަފާތު ދައުވަތެކެވެ. ދައުވަތުގެ ބޭނުން ހިފައި، މާސްކާއި ކޮސްޓިއުމް ހިފައިގެން ރޮބޯމޭން ދިޔައީ އޭނާ ކުރިން ނުވެސް ދަންނަ ޤައުމަކަށެވެ. އެ ތަނުގައި ވެސް އޭނާގެ ވައިބް ސެޓް ކޮށްލާނެ ކަމުގެ ޝައްކެއް އޭނާ ނުކުރެއެވެ.

ޗެކުން ވެސް ބޭނުންވީ ރޮބޯމޭން ޗެކްކޮށްލަން

ޓޮބީގެ އުފަން ދުވަހުގެ ޕާޓީއަށް ދިޔަ ނަމަވެސް، ރޮބޯމޭން ބޭނުންވީ ޗެކް ރިޕަބްލިކްގެ އޯޑިއަންސް ވެސް ޗެކްކޮށްލާށެވެ. އޭނާއަށް ވަނީ ޗެކް ރިޕަބްލިކްގެ މެއިން ސްކޮޔަރގައި ޕާފޯމްކޮށްލުމުގެ ފުރުސަތު ލިބިފައެވެ.

"ފެމިލީ ސެލެބްރޭޝަންއަކަށް ގެނައީ، ވަރަށް ކުޑަކުޑަ އިވެންޓަކަށް. އެތަނުން އޭނަގެ ޓެލެންޓް އިތުރު ބަޔަކަށް ފެނިގެން މިތަނުގެ ސްކޫލެއްގެ ޕާފޯމް ކުރީ." ޓޮބީގެ ބައްޕަ ބުނީ އެ ސިޓީގެ އެންމެ ވަރުގަދަ ސްކޮޔަރގައި 3،000 ވަރަކަށް މީހުންގެެ ކުރިމަތީގައި ރޮބޯމޭންއަށް ޕާފޯމްކޮށްލަން ލިބުނު ކަމަށެވެ.

ޓޮބީގެ ބައްޕަ ކިޔައިދިން ގޮތުގައި ރޮބޯމޭންގެ ޓެލެންޓް ފެނި ޗެކް ރިޕަބްލިކްގެ ކުޑަކުދިންނާއި އާއްމުން ވެސް ތިބީ ވަރަށް އާޝޯޚްވެފައި ކަމަށެވެ.

ހަމައެކަނި ޑާންސެއް ނޫން. ވަރަށް ބޮޑަށް ކަނެކްޝަން ގެނޭ. މިތަނުގެ މީހުންނަށް ވެސް ވަރަށް ތަފާތު ކަމަށްވީ

ރޮބޯމޭންގެ ޓެލެންޓް ފެނި މި އަންނަ އަހަރު ވެސް އެތަނަށް ދިއުމުގެ ދައުވަތު އޭނާއަށް ވަނީ ލިބިފައެވެ.

އަމިއްލަ މަސައްކަތުން، އަމިއްލަށް ރިލޭޝަން ބިލްޑްކޮށްގެން، ރޮބޯމޭން އަރާ އެ ހުރީ އެންމެ އުހުގައެވެ. ފަންނާނުންގެ ތެރެއިން ވެސް އޭނާ ފާހަގަކޮށްލެވެނީ އެންމެންނާ ތަފާތު މީހެއްގެ ގޮތުގައެވެ. އޭނާއަށް ދެން ވެސް އޮތީ ވަރަށް ބިޒީ ދުވަސްވަރެކެވެ. އީދުގެ ދުވަސްވަރު ކުޑަ ކުދިން ހެއްވައިލާން ރާއްޖޭގެ އެކި ރަށްރަށަށް އަބަދު ވެސް ރޮބޯމޭން ދަތުރު ކުރަމުންދެއެވެ.

"ކުރިޔަށް މި އޮތީ ވަރަށް ބިޒީ ދުވަސްކޮޅެއް. ވަރަށް ގިނަ ގިގް އެބަހުރި ލިބިފައި. ތަފާތު ޑާންސްތަކެއް، ތަފާތު ކުދިންތަކަކާއެކު ކޮށްލަން މިހުރީ ތައްޔާރަށް" ފަހުގެ ޝެޑިއުލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޮބޯމޭން ބުންޏެވެ.

މީގެ އަށް އަހަރު ކުދިން ސްޓޭޖް އިވެންޓަކުން، މާސްކެއް އަޅައިގެން ޑާންސް ކުރަން ނިކުތް ރޮބޯމޭން ޑާންސް އެ ކުރީ އެހެން ޤައުމެއްގައެވެ. މިއީ ރޮބޯމޭން ޤަބޫލު ކުރާ ގޮތުގައި ފެށުމެވެ. އަމިއްލައަށް ލަވަ މިކްސް ހަދަމުން، އަމިއްލައަށް ވީޑިއޯ އެޑިޓް ކުރަމުން، އަމިއްލައަށް ކޮސްޓިއުމް ޑިޒައިން ކުރަމުން ރޮބޯމޭން ކުރަމުންދާ ހިތްވަރަށް ހަމަ އައްސަރިބަހާއި ސާބަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!