ޚަބަރު ޝަރުޢީ ދާއިރާ

ސްޓެލްކޯގެ ކަރަންޓް ފޮށްޓަކުން ކޭބަލް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ސްޓެލްކޯގެ ކަރަންޓް ފޮށްޓެއްގައި ހުރި ކޭބަލަކުން ގާތްގަނޑަކަށް އެއް މީޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ނެގި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by MWSC

މއ.ދަނބުގަސްދޮށުގޭ ފާރު ކައިރީގައި ހަރުކޮށްފައި ހުރި ސްޓެލްކޯގެ ކަރަންޓް ފޮށްޓެއްގައި ހުރި ކޭބަލަކުން ގާތްގަނޑަކަށް އެއް މީޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ނެގި މައްސަލައިގައި ދައުވާ އުފުލީ ހުސައިން މުޒްލިފް ކިޔާ މީހެއްގެ މައްޗަށެވެ.

ދައުލަތުން އޭނާއަށް ކުރީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ ދައުވާގައި ބުނާ ވަރުގެ ކޭބަލެއް ނަގައިފައި ނުވާނެ ކަމަށެވެ.

އެކަމަކު ދައުލަތުން ހުށަހެޅި ކިތާބީ އަދި ޝަފަވީ ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން އިއްޔެ ނިންމީ އޭނާގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވާ ކަމަށެވެ. އެ ގޮތުން ވައްކަން ކުރިކަމުގެ ކުށް ސާބިތުވެ, ހުކުމްކުރީ ހަ މަސް ދުވަހަށް އޭނާ ޖަލަށް ލުމަށެވެ. ނަމަވެސް ތަހްގީގު މަރުހަލާގައި ބަންދުގައި 10 ދުވަސް ހޭދަކުރުމުން ދެން އޭނާ ތަންފީޒު ކުރަންޖެހޭނީ ފަސް މަހާއި 20 ދުވަހެވެ.

މީގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެ, ކޯޓުން ހުކުމް ކުރީ އެއް މަހާއި 06 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތުގެ ދެ މާއްދާއެއްގެ ދަށުން ކޯޓުން ކަނޑައެޅީ ދެ މަހާއި 12 ދުވަހަށް އޭނާ ގޭބަންދުކުރުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!