ދުނިޔެ

ޕާކިސްތާނަށް ވަރަށް ވިއްސާރަ، ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި އެތައް މަރެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ދެކުނުގައިވާ ބަލޮޗިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 57އަށް އަރައިފިއެވެ.

Ads by WAMCO

މޫސުމީ ވިއްސާރައިގައި ޕާކިސްތާނުގެ ދެކުނުގެ ގިނަ ސަރަޙައްދުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ބަލޮޗިސްތާން ޕުރޮވިންސުގެ ގިނަ ސަރަޙައްދުތަކެއްގައި ފެން ބޮޑުވެފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ކުއްލިއަކަށް ފެންބޮޑުވުމާ ގުޅިގެން ފެންގަނޑާ އެކު ދަމައިގަނެގެން ގެންދިޔަ މީހުން ކަމުގައި ބަލޮޗިސްތާނުގެ އޮފިޝަލުން ބުނެއެވެ.

ފެންބޮޑުވުމާ އެކު ބަލޮޗިސްތާނުގެ ކޯރުތަކާއި ޑޭމްތައް ވަނީ ފުރިގެން ބަނޑުންވެފައެވެ. ފެންބޮޑުވުމާ ގުޅިގެން އެތައް ސަތޭކަ ޢާއިލާއެއް ގެދޮރު ނެތި ހާލުގައި ޖެހިފައިވާ އިރު، އެ މީހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ.

ފާއިތުވި ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ އަސަރު އެ ޤައުމުގެ ހުޅަނގު އުތުރުގެ ސަރަޙައްދުތަކަށް ވެސް ވަނީ ކޮށްފައެވެ. ޚައިބަރ ޕަޚުތުންޚުވާގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ދެ މީހުން މަރުވިއެވެ. މީގެ ތެރެގައި ހަ އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ. ވިއްސާރައިގެ އަސަރު ކޮށްގެން ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ކަރާޗީގެ ގިނަ ސަރަޙައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!