ލަންކާގެ ރައީސް ރާއްޖެ ގެނައުމުގައި ނަޝީދުގެ ދައުރެއް އޮތްކަމެއް ނޭނގެ: މަޖިލިސް

ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގަތުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ދައުރެއް އޮތްކަމެއް ނޭނގޭކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގަތުމަށް ފެސިލިޓޭޓް ކޮށްދެއްވީ ނަޝީދުކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޮޓަބަޔަ ރާއްޖެ ވަޑައިގަތުމުގައި މަޖިލީހުގެ ރައީސް ނަޝީދުގެ ދައުރެއް އޮތްކަމެއް މަޖިލީހުގެ އިދާރާއަށް ނޭނގޭކަމަށެވެ.
ގޮޓަބަޔަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ގޮޓަބަޔަ ދަތުރުކުރެއްވި އަސްކަރީ މަތިންދާ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން ފުރަތަމަ ދީފައިނުވާ ކަމަށާއި އަސްކަރީ މަތިންދާ ބޯޓު ޖެއްސީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މެދުވެރިވެގެންކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.