ދުނިޔެ

ވެކްސިން ދިނުމުގެ ހުރަސްތަކާއެކު ޕާކިސްތާނުން ޕޯލިއޭގެ 13 ކޭސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުން ޕޯލިޔޯ ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެއެވެ. މި ބަލި ޖެހިފައި ވަނީ އުމުރުން 18 މަހުގެ ކުއްޖަކަށެވެ. މިއާއެކު، އެ ޤައުމުގައި ޕޯލިޔޯ ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާ މީހުންގެ އަދަދު މި ވަނީ 13 އަށް އަރާފައެވެ. ޕޯލިޔޯއަކީ މިހާރު ގިނަ ޤައުމުތަކަކުން ނައްތައިލާފައިވާ ބައްޔެކެވެ.

Ads by WAMCO

ޕާކިސްތާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޕޯލިޔޯ ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާ 18 މަހުގެ ކުއްޖަކީ އެ ޤައުމުގެ އުތުރުގައިވާ ޚައިބަރ ޕަޚްތުންޚްވާ ޕުރޮވިންސުގެ ކުއްޖެއް ކަމުގައެވެ. އަދި، އެ ކުއްޖަކީ ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ވަރަށް ބޮޑަށް ހިކިއަނަރޫފަވެފައިވާ ކުއްޖެއް ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.

އެ ޤައުމުގައި ޕޯލިޔޯ ޖެހިފައިވާ އަނެއް 12 މީހުން ތިބީ އުތުރު ވަޒީރިސްތާނުގައެވެ. އެއީ، 2014 ވަނަ އަހަރު ކުރިން ތާލިބާން ހަނގުރާމަވެރިންގެ އަތްދަށުގައި އޮތް ސަރަޙައްދެކެވެ. އަދި، މިއީ ވަޒީރިސްތާނުން ބޭރުން ޕޯލިޔޯ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ.

ވަޒީރިސްތާނުގައި ދިރިއުޅޭ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ދިނުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި ކަމުގައި ހަރަކާތްތެރިވާ ޞިއްޙީ އޮފިޝަލުންގެ ޓީމުތަކަށް ދަނީ ހުރަސްތައް ކުރިމަތިވަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ޚަރިބަރ ޕަޚްތުންޚްވާ ސަރަޙައްދުގެ ކުޑަކުދިންނަށް ވެކްސިން ދިނުމުގައި މަސައްކަތް ކުރަމުންދިޔަ އޮފިޝަލަކާއި ފުލުހުންގެ ދެ މީހުން ވަނީ މަރައިލާފައެވެ.

ޕާކިސްތާނުގައި ޕޯލިޔޯ ޖެހިފައިވާ 12 މީހުން ފެނިފައި ވަނީ އޭޕްރިލް މަހާއި ޖޫން މަހާ ދޭތެރޭގައެވެ. މީގެ އިތުރުން، އެ ޤައުމާ އިންވެގެން އޮންނަ އަފްޣާނިސްތާނުން ވެސް ވަނީ ޕޯލިޔޯ ޖެހިފައިވާ އިތުރު މީހަކު ފެނިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!