ދުނިޔެ

ބަންގްލަދޭޝް އިން ވެސް އައިއެމްއެފް އިން ލޯނެއް ނަގަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝް އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަށް ލޯނެއް ނެގުމަށް މަޝްވަރާތައް ފެށުމަށް އެދިފައިވާ ކަމަށް އެގައުމުގެ ނޫހަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ.

Ads by WAMCO

ޕްރޮތޮމް އަލޯ ނޫހަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އޭ އެޗް އެމް މުސްތަފާ ކަމާލް ވިދާޅުވީ ބަންގްލަދޭޝް އިން އައިއެމްއެފްގެ ލޯނެއް ނެގުމަށް މަޝްވަރާތައް ފެށި ނަމަވެސް އިގްތިސާދަށް އެއްގޮތަކަށް ވެސް ދަތިކަމެއް ނެތް ކަމަށެވެ.

ކަމާލް ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު އައިއެމްއެފްއަށް ފޮނުއްވި ސިޓީއެއްގައި ލޯނަށް އެދިފައިވާ އަދަދު ހާމަކޮށްފައި ނުވާނެ ކަމަށެވެ. މިފަދަ ކަންކަމުގައި މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ލިބެނީ ހަމައެކަނި ފިނޭންސް މިނިސްޓަރު ކަމަށް ވާތީ އެކަން އެނގޭ ދެ ފަރާތަކުން ބުނެފައި ވަނީ ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު އަދި ނިންމާފައި ނުވާ ކަމަށެވެ.

"ބެލެންސް އޮފް ޕޭމަންޓްސް އާއި ބަޖެޓް އެހީއަށް ލޯނު ހޯދުމުގެ ރަސްމީ މަޝްވަރާއެއް ފެށުމަށް އައިއެމްއެފް އަށް އެދުނު،" ކަމާލް ވިދާޅުވިއެވެ.

“ލޯނު ލިބޭނީ ކޮން އިރަކު އަދި ކިހާވަރަކަށްތޯ ބަލާނީ އެމީހުންގެ.”

މިކަމުގައި ރޮއިޓާސްގެ ބަހެއް ހޯދުމަށް އެދުމުން ކަމާލް ޖަވާބެއް ނުދެއްވައެވެ.

ބަންގްލަދޭޝްގެ ޑެއިލީ ސްޓާ ނޫހުގައި އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި އެގައުމުން ބޭނުންވަނީ އައިއެމްއެފްގެ އަތުން 4.5 ބިލިއަން ޑޮލަރެވެ.

އެގައުމުގެ 416 ބިލިއަން ޑޮލަރުގެ އިގްތިސާދަކީ ދުނިޔޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް އިގްތިސާދު، ނަމަވެސް ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމާ ގުޅިގެން އިޤްތިޞާދު ވަނީ މަޑުޖެހިފައެވެ.

ބަންގްލަދޭޝްގެ އިގްތިސާދީ މައިގަނޑު އެއް ކަމަކީ އަންނައުނު އެކްސްޕޯޓް ކުރުމެވެ. ދުނިޔޭގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުން ޔޫރަޕާއި އެމެރިކާގެ މާކެޓްތަކުގައި އަންނައުނު ވިއްކުން ދަށްވެއްޖެ ބަންގަލަދޭޝްގެ އިޤްތިޞާދަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!