ނަޝީދާއި, މައުމޫން ދީނީ ކަމެއްގައި ދެން އެއްޗެއް ވިދާޅުވާންވާނީ ދިރާސާއަކުން: ޖަމީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދީނީ ކަމެއްގައި ދެން އެއްޗެއް ވިދާޅުވާންވާނީ ދިރާސާއެއް ކުރައްވައިގެންކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ދީނީ ބައެއް ކަންކަމުގައި މުޖުތަމަޢުގައި ޚިޔާލު ތަފާތުވުން އުފެދޭ ގޮތަށް ދީނީ ނަަޒަރުން ރައުޔުތައް ނެރުން ޢާންމުވެފައިވާ ކަމަށާއި އެފަދައިން ނެރޭ ބައެއް ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާ އެކަށޭނަ ދިރާސާއަށްވުރެ އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުޔުތަކަށްވެފައިވާކަމަށް އެމްއާރްއެމްއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް މައުމޫންގެ ޕާޓީން އެހެން ބުނީ ހިންދޫންގެ އަޅުކަމެއްކަމަށްވާ ޔޯގާއަކީ ޙަރާމް އެއްޗެއް ނޫންކަމަށް ބުނެ ރައީސް މައުމޫން ލިޔުއްވާފައިވާ ލިޔުމެއް ހިއްސާކުރައްވައި ރޭ ނެރުއްވި ބަޔާނެއްގައެވެ.
ޔޯގާއަކީ ޝިރުކެއް ނޫންކަމަށް ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތް ކަމަށް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
އެ ދެ ބޭފުޅުން އެހެން ވިދާޅުވެފައިވަނީ ޔޯގާގެ ޙުކުމް ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުންނާއި ރާއްޖޭގެ 104 ޢިލްމުވެރިންވެގެން ފަތުވާ ނެރުއްވާފައިވަނިކޮށެވެ.
ޖަމީލް ވިދާޅުވީ ޢިލްމުވެރިން ވިދާޅުވީ ދިރާސާއެއްގެ އަލީގައި ކަމަށެވެ. އަދި ރައީސް ނަޝީދާއި ރައީސް މައުމޫން ދީނީ ކަމެއްގައި ދެން އެއްޗެއް ވިދާޅުވާންވާނީ ދިރާސާއެއް ކުރައްވައިގެންކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އަދި އެއީ ޢިލްމީ މައިދާނުގައި ކަންއޮންނަ ގޮތްކަމަށް ވެސް ވިދާޅުވިއެވެ.
ޢަދާލަތުން ނެރުނު ފަތުވާ ހިއްސާ ކުރައްވައި ޖަމީލް އިތުރަށް ވިދާޅުވީ ކަމުނުދަނީ ޢަދާލަތުން މާއިދާ ސޫރަތުގެ 2 ވަނަ އާޔަތް ހަނދާން ނައްތާލީމަ ކަމަށެވެ.
ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދިރާސާ ލިޔުމެއް ނެރުއްވާފައިފިއެވެ. ޙަރާމްވާނީ ހަމައެކަނި މާތްﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ” މި މައުޟޫއަށް އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމުގައި ޔޯގާއާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ރައުޔުވަނީ ހާމަކުރައްވާފައެވެ. ދީނީ ފަތުވާ ނެރުއްވުމުގެ ހުއްދަ އޮންނަ ރައީސް މައުމޫންގެ ލިޔުމުގައި ވިދާޅުވެފައިވަނީ ޙަރާމާއި ހުއްދަ ކަނޑައަޅުއްވާ ފަރާތަކީ ﷲ ކަމަށެވެ. އަދި ޙަރާމް ނުކުރައްވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް ﷲ ކަނޑައަޅުއްވާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި މާތް ﷲ ޙަރާމް ކުރެއްވިކަން ސާބިތުނުވާ ކޮންމެ ކަމެއް ޙަރާމް ކަމެއްގެ ގޮތުގައި ނިންމުމުގެ ބާރު ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.