އެމެެރިކާއިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ސަފީރަކު އައްޔަން ކުރަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
ވައިޓް ހައުސްއިން އިއްޔެ ބުނީ ރާއްޖެއަށް ޚާއްސަކޮށް ކަނޑައަޅާ ސަފީރަކަށް ހޫގޯ ޔޫ ހޯ ޔޮން އައްޔަންކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޖޯ ބައިޑެން ނިންމަވާފައިވާ ކަމަށެވެ.
ހޫގޯ ޔޫ ހޯ ޔޮންއަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފީސް އަންޑާރ ސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު, އެނާޖީ އެންްޑް އެންވަޔަރަމަންޓްގެ އިސް މުޝީރުކަމުގެ މަޤާމުގައި މި ވަގުތު ހުންނެވި ބޭފުޅާއެވެ.
އޭގެ ކުރިން ވަގުތީ ގޮތުން ހުންނެވީ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް އޮގަނައިޒޭޝަން އެފެއާޒް ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ކަމުގައެވެ. އޭގެ އިތުރުން ވެސް އޭނާއަކީ އެމެރިކާ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެމެރިކާއިން ރާއްޖެއަށް ސަފީރަކު އައްޔަންކުރަން ނިންމާފައި މިވަނީ އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މީގެ ކުރިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކުރާނެކަން ހާމަކުރައްވާފައިވަނިކޮށެވެ.