ޚަބަރު

އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"މިނިވަންކުރޭ، މިނިވަންކުރޭ"ގެ ނަމުގައި އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ތިން މީހަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by STELCO

މި މުޒާހަރާއަކީ އިންޓަނޭޝަނަލް ޔޯގާ ހަރަކާތްތަކާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާ އެ ކޯލިޝަނުން ކުރާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެކެވެ.

ރޭގެ މުޒާހަރާ ވެސް ކޮށްފައިވަނީ، ޕީޕީއެމް އޮފީސް ދޮރުމަތިން، ބޮޑު ތަކުރުފާނު މަގުގައެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީއިދިކޮޅު ހަރަކާތްތަކުގެ އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަަރު މުހައްމަދު އިސްމާއީލާއި ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި މީހުން ވަގުތުން ދޫކޮށްލުމަށެވެ.

މުޒާހަރާގައި މާ ގިނަ ބައިވެރިންނެއް ފެނިގެން ނުދިޔަނަމަވެސް، މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުންވަނީ ބައިވެރިވެފައެވެ.

މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިހުތިޖާޖުގެ ބައިވެރީން ވާހަކަ ދައްކާއިރު އަރަން ހަދާފައި ހުރި ސްޓޭޖް ފުލުހުން ވަނީ ގެންގޮސްފައެވެ. ސްޓޭޖް ހުރީ ޗޭނުން އައްސާފައިކަމުން، އެ ގެންދަން ފުލުހުންނަށް އުދަނގޫތަކެއް ކުރިމަތިވިކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުންވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!