އާރަށު މައްސަލާގައި ދައުލަތުން ހުށަހެޅި ހެއްކެއްގައި ނުބައި ތާރީހެއް
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކިތާބީ ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތް މައްސަލައެއް މިއަދު ފާހަގަވެއްޖެ އެވެ.
އާރަށް ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަ ށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފައެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މިއަދު ހެކިބަސް ނަގާފައިވަނީ ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތަކުގެ ސޮއިގެ ސައްޙަކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަހެވެ.
ޗެއިން އޮފް ކަސްޓަޑީގައި އެ ހެކި ހޯދި ކަމަށް ފުލުހުން ލިޔެފައި އޮތީ 23 އޮގަސްޓް 2026 އެވެ. އަދި އެކަން ކުރިން ފާހަގެވެފައި ނެތް ނަމަވެސް އެއީ މައްސަލައެއް ކަމަށް އެ ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ ވަނީ ބުނެފައެވެ.
ނުބައި ތާރީހެއް ޗެއިން އޮފް ކަސްޓަޑީގައި ޖެހިފައި އޮތް ނަމަވެސް އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ހެކި ބަސް ދިން ފުލުސް މީހާ ވަނީ ބުނެފަ އެވެ.
މިއަދު ނެގި ހެކިބަހާއެކު އެ މައްސަލައިގައި މިހާތަނަށް ނަގާފައިވަނީ ހަތަރު ހެއްކެއްގެ ހެކި ބަހެވެ. މީގެ ކުރިން ހެކިބަސް ނަގާފައިވަނީ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ތިން ފުލުހެއްގެއެވެ.
ނުބައި ތާރިޚެކޭ ކިޔާފަ އަވަހަށް ތިޔަ މައްސަލަވެސް ވުޖޫދުން ފޮހެލާ. ބޮޑު ބަލާވެރިކަމެއްމީ