ކޮވިޑް ޖެހުނު 8 މީހަކަށް އައިސީޔޫގައި ފަރުވާދެނީ، އެކަކު ވެންޓިލޭޓަރުގައި

ރާއްޖެއިން ކޮވިޑް-19 ޖެހި ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 110 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ދެމީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އަދި ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން މިއަދު ވަނީ އިތުރު 148 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 4،594 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1869 މީހުންނަށެވެ. އެގޮތުން 110 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.