މާލެއަށް ލަފާފުރުމަށް ކަނޑައެޅި އުސޫލާ ހިލާފުވާ ބޯޓުތަކުގެ ކެޕްޓަނުން ޖޫރިމަނާ ކުރަނީ

މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް މާލެއަށް ލަފާފުރުމުގެ ކަންކަން ކުރާނަމަ އުޅަނދުތަކުގެ ކެޕްޓަން ޖޫރިމަނާކުރަން ނިންމައިފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ އަތޮޅުތަކުން މާލެ އަންނަ އުޅަނދު ފަހަރު ލަފާފުރުމުގައި ބޭނުންކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅައިފައި ކަމަށެވެ.
އެސަރަހައްދު ނޫންތަންތަން ލަފާފުރުމަށް ބޭނުންކޮށް އެޤަވާއިދާ ޚިލާފުވާނަމަ ނުވަތަ އުސޫލުން ބޭރުން އެއުޅަނދުތަކުގެ މީހުން އެއްގަމަށް އަރާނަމަވެސް އުޅަނދުގެ ކެޕްޓަން ޖޫރިމަނާކުރާ އެންގުމެއް ވަރަށް އަވަހަށް އެޗްޕީއޭއިން އާންމުކުރާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ދޯނިފަހަރު ތަކާ ލޯންޗުތަކާ ޓެކްސީ ތަކުންވެސް ސާމްޕަލް ނަގަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުވެސް 207 ސާމްޕަލްއެއް އެކްޓިވް ސަވައިލެންސްއެއްގެ ގޮތުގައި ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ އެއްރަށުން އަނެއް ރަށައް ދަތުރު ކުރާއިރު މާސްކު އެޅުމަކީ ވެސް މަޖުބޫރު ކަމެއް ކަމަށާ ކޮވިޑް ފެނިފައި ނުވާ ރަށްރަށުގައިވެސް މާސްކު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.