ޝިއާގެ ޖަނާޒާ ބާއްވަނީ ފުވައްމުލަކުގައި

މާލޭ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ ޖަނާޒާ އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ބާއްވަން ނިންމައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ މަރައިލި ފުވައްމުލަކު, ކުރި, ޝިއާ (22 އ) ގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މި މަހުގެ 11 ގައެވެ. އިއްޔެ ވަނީ އޭނާގެ ހަށިގަނޑު ރާއްޖެއަށް ގެނެސްފައެވެ. އޭނާގެ ހަށިގަނޑު މިހާރު ބާއްވައިފައި އޮތީ ގަލޮޅު މޯޗަރީގައެވެ.
އެނގިފައިވާ ގޮތުގައި ޝިއާގެ ޖަނާޒާ އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ބާއްވަން ނިންމީ އޭނާގެ ޢާއިލާއިން އެދިގެންނެވެ. އަދި މިއަދުގެ ވަގުތެއްގައި ޝިއާގެ ހަށިގަނޑު އެ ރަށަށް ގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ޝިއާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރީ އެންމެ މީހެކެވެ. ކުށުގެ ވެށިން ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23) އެވެ. އޭނާ މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.