މިއަދުގެ ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވީ ޒުވާނުންނަށްކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި ''ހަވާލޭ ވަޠަން'' ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ފުއްދުންތެރި ޤާބިލް ޒުވާނުން އުފެއްދުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ޒުވާނުން މަގުން ކައްސާލައި ހަލާކުގެތެރެއަށް ވެއްޓިގެންދާ މަންޒަރުކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ޒުވާނުންނަށް އެއްލައްކައަށްވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށާއި, ނަމަވެސް ހަތަރު އަހަރު ވޭތުވިއިރު މި ސަރުކާރަށް އުފެއްދުނީ އެންމެ 4,000 ވަޒީފާ ކަމަށެވެ. އަދި އޭގެ ބަދަލުގައި މި ސަރުކާރު ހިންގަނީ ޒުވާނުންގެ އަތުން ޕާކިންގ ސްޓިކާއަށް ފައިސާ ނަގައިގެންކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
''ތިމަންނަމެން ސަރުކާރަށް އައިސް ޒުވާނުން ޕާކްކުރާނެ ތަންތަން ނުދައްކާ އެއް ގޮތަކަށް ވެސް އެ މީހުންގެ ސައިކަލުތަކުގަ އެ މީހުން ދުއްވާ އެއްޗެހީގަ ސްޓިކާއެއް ނުޖަހާނަމޭ. އެކަމު މިއަދު މި އޮތީ ސްޓިކަރުން ހިންގާ ސަރުކާރަކަށް މުޅި ދައުލަތް ބަދަލުވެފަ.''
ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރު މިނެކިރާލަން ޖެހޭނީ ޒުވާނުންނާމެދު އަމަލުކުރާ ގޮތަށް ބަލާފައި ކަމަށެވެ.