ޚަބަރު ސިޔާސީ

ފަށާ މަޝްރޫޢުތައް އަރަނީ ''ފަރަށް'', އެންމެ އިސްކަންދެނީ ''ގިރިތައް'' ހިމާޔަތްކުރަން: ރައީސް ޔާމިން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމީން. ފޮޓޯ: ޕީޕީއެމް

ފަށާ މަޝްރޫޢުއެއް ވެއްޖިއްޔާ އަރަނީ ފަރަށް ކަމަށާއި, ސަރުކާރުން ކުރާ ކަމަކީ އެ މަނިކުފާނުގެ ޒަޢާމަތުގައި ނިންމާފައި ހުރި މަޝްރޫޢުތަކުގެ ރިބަން ކަނޑާލާފައި ހުރިހާ ކުދިން ނުކުމެ ޕާޓީކުރުންކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނާ ހަވާލު ކުރުމަށް, ''ހަވާލޭ ވަޠަން'' ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވާލްޑް ބޭންކުގެ ރިޕޯޓަކާ ހަވާލާ ދެއްވައި ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ދަރަނި ހުރީ 6,000 މިލިއަން ޑޮލަރުގައި ކަމަށާއި, އެއީ އާބާދީގެ ކޮންމެ ބޮލަކަށް 250,000 ރުފިޔާ ކަމަށެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން ޢާންމުކުރި މޯލްޑިވްސް އެކްސްޕެންޑިޗާ ރިވިއުގައިވާ ގޮތުން ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން ދައުލަތުގެ ޖުމްލަ ދަރަންޏަކީ 06.01 ބިލިއަން ޑޮލަރު ކަމަށާއި, އޭގެތެރެއިން 05.02 ބިލިއަން ޑޮލަރަކީ ސީދާ ސަރުކާރުގެ ދަރަނިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި ދަރަނި އަދާކުރެވޭ ވަރަށް ރިޒާވްގައި ފައިސާއެއް ނެތް ކަމަށާއި, ރިޒާވުގައި ހުރީ 280 މިލިއަން ޑޮލަރު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''ދެން އުފެދޭ ސުވާލަކީ މި ސަރުކާރުން ކީއްހޭ ކުރަނީ. މި ސަރުކާރުން މި ދަރަނި އަދާ ކުރާށާއި, އިގުތިސާދު ދަމަހައްޓަން ދުޅަހެޔޮ އިގުތިސާދަށް ހެދުމަށްޓަކައި ނޫނީ އިގުތިސާދަށް އާރޯކަން ގެނައުމަށްޓަކައި ކޮން މަސައްކަތެއްހޭ ކުރަނީ. މަޝްރޫޢުތަކެއް އެބަ ހިންގާހޭ. ލައްކަ ގިނަ މަޝްރޫޢުތައް ހިންގާ ވާހަކަ އެބަ ވިދާޅުވޭ. މިހާރު ވެސް އެބަ ހިނގާ ބުރިޖު އެޅުމުގެ ބޮޑު މަޝްރޫޢުއެއް. މިހާރު މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢު.''

''މި ފައިސާ ހޯދުމަށް [ރާއްޖޭގެ ދަރަނި އަދާކުރުމަށް] ނޫނީ އިގުތިސާދު ތާޒާކުރުމަށްޓަކައި މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ. ބޮޑެތި މަޝްރޫޢުތަކެއް ފަށާ. ފަށާ މަޝްރޫޢުއެއް ވެއްޖިއްޔާ އަރަނީ ފަރަށް. ރައީސް ޔާމިން ސަރުކާރުގަ ނިންމާފަ ހުރި ކަންކަން މަޝްރޫޢުއެއްގެ ރިބަން ކަނޑާލާފަ އެއީ އެ މީހުން ހިންގި މަޝްރޫޢުއަކަށްވެގެން ޕާޓީކުރަން ހުރިހާ ކުދިން ނުކުމެ ޕާޓީކުރާ ކުދިން ވެއްޖިއްޔާ ބީހެނީ ކޮންމެވެސް ގިރިއަކަށް.'' ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަންދޭ ކަންތަކުގެތެރޭގަ ''ގިރިތައް'' ހިމާޔަތްކުރުން ހިމެނޭ ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ ދިވެހިންނަށް ދަތި ހާލަތު މެދުވެރިވީ ކިހިނެއްތޯ ވިސްނަންޖެހޭ ކަމަށާއި, މިއީ އެކަލާނގެ މިންވަރު ކުރެއްވި ގޮތޭ ބުނާނެ ޖާގައެއް ނެތް ކަމަށާއި, އެއީ މުސްލިމުންގެ އީމާނެއް ނޫން ކަމަށެވެ. އަދި މިއީ އަމިއްލައަށް ހޯދައިގެން އުޅޭ ހިތްދަތިކަމެއް ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

''އަމިއްލައަށް ހޯދައިގެން އުޅޭ.. މާފުކުރައްވާތި.. ބަލާވެރިކަމެއް.'' ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ ސިޔާސީ ލީޑަރުން މިއަދު މި ދައްކަވަނީ ކޮން ވާހަކައެއްތޯއާއި, އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ދައްކަވާ ވާހަކަތަކެއްތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ ރައްޔިތުން ''އަނދަވަޅަކަށް ވައްޓާލައިފައި'' ސިޔާސީ ލީޑަރުން މިއަދު ތިއްބެވީ ''ހަނު'' ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!