ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންއަށް ޓެރެރިޒަމްގެ ދައުވާ

މި އަހަރުގެ ކުރީކޮޅު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ބޭރުކޮށްފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދައުވާކޮށްފިއެވެ.
ރުކާރުގެ މުއައްސަސާތަކާއި އިސް ވެރިންނާ ދެކޮޅަށް ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ މައްސަލަ، ޕާކިސްތާނު ފުލުހުން ތަހުގީގު ކުރަން ފަށައިފިވާއިރު، ފުލުހުން ބުނި ގޮތުގައި މިހާރު ތަހުގީގު ކުރަމުން ދަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގައި، ޕާކިސްތާނުގެ ޝަރުއީ ނިޒާމާއި ފުލުހުންގެ އަގު ވެއްޓޭ ގޮތަށް އަދި އެ ދެ ދާއިރާއާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކެވެ.
އެ އެއްވުމުގައި އިމްރާން ޚާން ވަނީ، އިސްލާމް އާބާދުގެ ފުލުހުންގެ ވެރިޔާ އާއި އަންހެން ފަނޑިޔާރަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނުސީދާ އިންޒާރުތަކެއް ދެއްވައިފައެވެ.
މިދިޔަ އެޕްރީލް މަހު މަގާމުން ދުރުކުރުމާ އެކު، އިމްރާން ޚާން ގެންދަވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އާންމު އެއްވުންތައް ބާއްވައި، ސަރުކާރުގެ އިސް ވެރިންނަށާއި ސިފައިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އަވަސް އިންތިޚާބެއް ބާއްވައި އާ ސަރުކާރެއް އެކުލަވައިލުމަށް ގޮވައިލެއްވުން ވެސް މިފަހަކަށް އައިސް ވަނީ އިތުރު ކުރައްވައިފަ އެވެ.
ޕާކިސްތާނުގެ ފުލުހުންނާއި ޝަރުއީ ނިޒާމަށް އިމްރާން ޚާން ފާޑުވިދާޅުވާން ފެއްޓެވީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ލީޑަރު ޝާހްބާޒް ގިލް ހައްޔަރުކުރުމާ ގުޅިގެންނެވެ. އާންމު ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި، ޕާކިސްތާނު ސިފައިންނަށް ފާޑުވިދާޅުވެ، ސިފައިންނާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކަކާ ގުޅިގެން، ފުލުހުން ޝާހްބާޒް ހައްޔަރުކުރީ މި މަހުގެ 9 ވަނަ ދުވަހުއެވެ.