ދުނިޔެ

އޮޅިގެން ޕާކިސްތާނަށް ހަމަލާދިން އިންޑިއާގެ ތިން އޮފިސަރަކު ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް "އޮޅުމަކުން" މިސައިލް ހަމަލާއެއް ދިނުމުގައި ޒިންމާވާ އިންޑިޔާގެ ވައިގެ ސިފައިން ތިން އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައި އިންޑިޔާއިން ބުނެފިއެވެ. މާރިޗު މަހު ހިނގި މި ހާދިސާއާ ގުޅިގެން ނިއުކްލިޔަރ ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ނުތަނަވަސް ކަން އިތުރަށް ގޯސްވިއެވެ.

Ads by Sosun Fihaara

އިންޑިޔާއިން ވަނީ، މި ހަމަލާއާ ގުޅިގެން މަޢާފަށް އެދިފައެވެ. އަދި، މި ހާދިސާ ހިނގާފައި ވަނީ މެއިންޓެނެންސް މަސައްކަތްތަކެއް ކުރަން އުޅުމުގެ ތެރޭގައި އޮޅުމަކުން ކަމުގައި ބުނެފައެވެ. މި ކަމާ ގުޅިގެން ޕާކިސްތާނުން ވަނީ މި ފަދަ ހަމަލާތަކުގެ ނަތީޖާ ހިތިވާނެ ކަމުގެ އިންޒާރު ދީ، މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އިންޑިޔާއަށް އަންގާފައެވެ.
އިންޑިޔާއިން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުޤީޤު ކޮށްފައެވެ. އަދި، މި ހާދިސާ ހިނގަން މެދުވެރިވީ، އުސޫލުތަކާ ޚިލާފަށް ތިން އޮފިސަރުން ވެސް އަމަލު ކުރުމުގެ ސަބަބުން ކަމަށް ތަހުޤީޤަށް ހާމަވެފައިވާ ކަމުގައި އިންޑިޔާއިން ބުނެއެވެ. މި ހާދިސާގައި ޕާކިސްތާނަށް ފޮނުވައިލާފައި ވަނީ ބްރާމޯސްގެ ނަން ދީފައިވާ މިސައިލެކެވެ. އެއީ، އިންޑިޔާއާއި ރަޝިޔާ ގުޅިގެން އުފައްދާފައިވާ، ނިއުކްލިޔަރ ބޮން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެކެވެ.

ޕާކިސްތާނުން ބުނީ، އެ މިސައިލް ދަތުރު ކޮށްފައި ވަނީ އަޑަށްވުރެ ތިން ގުނަ ބާރަށް ކަމުގައެވެ. އަދި، ޕާކިސްތާނުގެ ވައިގެ ސަރަޙައްދުގައި 124 ކިލޯމީޓަރުގެ ސަރަޙައްދަކަށް ދަތުރު ކުރުމަށް ފަހު މިސައިލް ވެއްޓިފައިވާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ. އަދި، މި ހާދިސާއާ އެކު ޕާކިސްތާނުގެ ވައިގެ ސަރަޙައްދުގައި ދަތުރު ކުރަމުންދިޔަ ފަސިންޖަރުން އުފުލާ މަތިންދާބޯޓުތަކަށާއި، އެ ޤައުމުގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވި ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އިންޑިޔާގެ ދިފާޢީ ވަޒީރު ރަޖްނަތު ސިންހް ވިދާޅުވީ، އިންޑިޔާގެ އަސްކަރީ ހަތިޔާރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ޤައުމުން އިސްކަންދޭ ކަމުގައެވެ. އަދި، މި ފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މިލްކުވެރިކަމާ މެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަޝްމީރުގެ މައްސަލައިގައި މި ދެ ޤައުމުން މީގެ ކުރިން ހަނގުރާމަ ކޮށްފައިވެއެވެ.

Ads by Ooredoo
  1. ބޮއިގެން ތިބޭ މީހުނަށް އޮޅިގެން ވެސް މިކަލަ ކަންކުރެވޭނެ، ގިނަފަހަރު ހަގުރާމަ ހިގަނީ ބޮއިގެން ތިބެފައި ކުރެވޭ ކަމެއްގެ ސަބަބުން އަނެކަކު ރުޅިއައިސްގެން ކުރެވޭ އަމަލެއްގެ ސަބަބުން ކަން ތާރީހީ ފޮއްތަކުގައި ލިޔެފައި ހުރޭ ! ސިކުޑި ސަލާމަތުން ބަހައްޓަން އަބަދުވެސް އިސްކަންދޭންވީ !