ޕާކިސްތާނުން އިންޑިއާއިން ތަރުކާރީ އިންޕޯޓް ކުރަން ވިސްނަނީ
ފެންބޮޑުވުމުގެ ސަބަބުންނާއި އިޤްތިސާދީ ކާރިސާގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނަށް, އެ ޤައުމުގެ އަވައްޓެރި އިންޑިއާއިން ތަރުކާރީއާއި އެނޫން ބައެއް ކާތަކެތި އިންޕޯޓް ކުރުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.
ޕާކިސްތާނުުގެ ފިނޭންސް މިނިސްޓަރު އިސްލާއިލް މިފްތާޙް ވިދާޅުވީ, ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ ދަނޑުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެހެންކަމުން މިވަގުތު ވަގުތީ ގޮތުން އިންޑިއާއިން ޒަރޫރީކޮށް ބޭނުންވާ ތަރުކާރީއާއި މޭވާ އިންޕޯޓް ކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށެވެ.
ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ވަނީ ހީނަރުވެފައެވެ. މިގޮތުން 2019 ވަނަ އަހަރު ޕާކިސްތާނުންވަނީ އިންޑިއާގައި ހުންނަ އެ ޤައުމުގެ އެންބެސީ ބަންދުކޮށް, އެންބެސަޑަރު ޤައުމަށް އަނބުރާ ގެނެސްފައެވެ. އަދި އޭރު ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓާލިއެވެ. އޭގެ ފަހުން ޕާކިސްތާނުގެ ވެރިކަން ބަދަލުވި ނަމަވެސް ދެ ޤައުމުގެ ގުޅުން އަދި ވެސް އޮތީ ވަރަށް ހީނަރުކޮށެވެ. ޕާކިސްތާނުން ބޭހުގެ ބައެއް ބާވަތްތައް މިހާރު ވެސް އިންޑިއާއިން އެތެރެ ކުރެއެވެ.
ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން އެތައް މިލިޔަން ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އެ ޤައުމުންވަނީ ހާލުގައި ޖެހިފައިވާތީ ދުނިޔޭގެ އެހީތެރި ކަމަށް ގޮވާލާފައެވެ.