އައްޑޫގައި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ
އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކޮށް, ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުމަށް އެ ސިޓީގައި ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފަހަކަށް އައިސް އައްޑޫ ސިޓީގައި ވައްކަމާއި, ފޭރުމާއި, މާރާމާރީ ވަނީ އިތުރުވެފައެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ދާދިފަހުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނު ހޯދި, އެކަމުގައި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށެވެ.
އައްޑޫ ސިޓީއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލަކަށް ހެދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެ ފުލުހުން މިއަދު ބުނީ ޢާންމުކޮށް ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ސުވާލުކުރަމުންދާ ކަމަށެވެ. އަދި ކުށްތައް ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތަކުގައި ފުޓްފެޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ގޮތުން އެ މަސައްކަތްތަކުގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހިތަދޫ ގެއެއް ބަލައި ފާސްކޮށް, ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގޯ ޕްރޯ އަކާއި މޮބައިލް ފޯނުތަކެއް ހޯދާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކޮށް އެކަން ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގޭބިސީތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވައްކަމުގެ މައްސަލަތައް ގިނަވާކަމަށް ބެލެވޭ ގަޑިތަކުގައި ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
''އައްޑޫ ސިޓީއަކީ ކުށްމަދު އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެއެވެ.'' ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ވައްކަން ކުރުމުގެ ފުރުސަތު ނުދިނުމަށް, ފައިސާއާއި އެހެނިހެން ތަކެތި ފަސޭހައިން ނެގޭ ގޮތަށް ނުވަތަ ފެންނަ ގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން ގޭގެ ދޮރުތަކާއި ފެންލައިޓުން ނުވަދެވޭނޭ ގޮތަށް ބެހެއްޓުމަށާއި, ރެކޯޑު ކުރެވޭ ގޮތަށް ކެމެރާ ސިސްޓަމް ހަރުކުރުމުގައި ގޭގެ ވަށައިގެން ފެންނާނެހެންބެހެއްޓުމަށާއި, ވައްކަމުގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.