އޭޝިއާ ދުނިޔެ

ޕާކިސްތާނަށް އެހީވުމަށް ޔޫއެން އިން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ރައްޔިތުންނަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ބައިނަލްއަޤުވަމީ މުޖުތަމަޢަށް ގޮވައިލައްވައިފިއެވެ. މޫސުމީ ވިއްސާރައިގައި ހުއްޓުމެއް ނެތި ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނުގެ އުތުރާއި ދެކުނުގެ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

Ads by Sosun Fihaara

"ޕާކިސްތާނުގެ ރައްޔިތުން މި ވަގުތު ތިބީ މުޅި ދުނިޔޭގެ އެހީތެރިކަމަށް ބޭނުން ޖެހިފައި. މިއީ، އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވާންވީ ވަގުތު. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެކި ޤައުމުތަކަށް ލިބޭ ގެއްލުން މި ވަނީ ބޮޑުވެފައި. އަތް އުރައިލައިގެން ތިބެވޭކަށް ނެތް،" ގުތެރޭޝް ވިދާޅުވިއެވެ.

ފެންބޮޑުވުމާ ގުޅިގެން 33 މިލިޔަން މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެފައި ވާއިރު، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 1,300 އަށްވުރެ މައްޗަށް އަރާފައެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތް ކުރިއަށް ދުވަސްތަކުގައި އިތުރަށް ގޯސްވާނެ ކަމުގައި އ.ދ.އިން ބުނެއެވެ. ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި 1,460 އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަށް ވަނީ ގެއްލުންވެފައެވެ. އަދި މީގެ ތެރެއިން 432 މަރުކަޒު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އެ ޤައުމުގެ ދެކުނުގައިވާ ސިންދު ޕުރޮވިންސަށެވެ.

އެ ޤައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ވެސް ވަނީ މަސައްކަތް ފަށާފައެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި 4,500 އަށްވުރެ ގިނަ ވަގުތީ ކޭމްޕު ވަނީ ހަދާފައެވެ. މި ކޭމްޕުތައް ހިންގަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ އެހީތެރިކަމާ އެކުގައެވެ.

"ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ވަނީ ޢާންމު ވާން ފަށާފައި. ބޭރަށް ހިންގުމާއި، ޓައިފޮއިޑާއި، ހިމަބިއްސާއި، މެލޭރިޔާ ވެސް ވަނީ ފެތުރެން ފަށާފައި. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ،" ޑަބްލިޔު.އެޗް.އޯ.ގެ ތަރުޖަމާނު ތާރިޤް ޔަސަރެވިޗް ވިދާޅުވިއެވެ.

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޑަބްލިޔު.އެޗް.އޯ.އިން މިހާރު ވެސް ވަނީ 1.5 މިލިޔަން ޑޮލަރުގެ ސާމާނު ފޮނުވާފައެވެ. މީގެ ތެރޭގައި ބޭހުގެ އިތުރުން ވަގުތީ ހިޔާތަކާއި ސާފު ބޯފެން ތައްޔާރު ކުރާ ކިޓުތައް ވެސް ހިމެނެއެވެ. ގޮދަޑިއާއި ސަތަރީގެ އިތުރުން ބަދިގޭ ސާމާނު އެ ޤައުމަށް ފޮނުވަން ވެސް އެ ޖަމުޢިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާލަތުން އަރައިގަތުމަށް އެ ޤައުމަށް 19 މިލިޔަން ޑޮލަރުގެ އެހީ ބޭނުންވާ ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!