ޕާކިސްތާނުގެ ބޮޑު ފެންގަނޑެއް ބަންޑުންވުމުގެ ބިރު

ޕާކިސްތާނުގެ އެންމެ ބޮޑު ފެންގަނޑު ފުރިގެން ބަންޑުންވެދާނެތީ އޮފިޝަލުން ފިޔަވަޅު އަޅަން ފަށައިފިއެވެ.
މަަންޗަރް ލޭކް އޮންނަނީ ސިންދް ޕްރޮވިންސްގަ އެވެ. ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެ ފެންގަނޑު ވަނީ ނުރައްކާތެރި މިންވަރަށް ފުރިފައެވެ.
މިހާތަނަށް އެ ފެންގަނޑު ތިން ފަހަރު ބަންޑުންވެފައިވާ އިރު، އޭގެ ސަބަބުން 100،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވެއެވެ.
އެހެން ނަމަވެސް، އަދިވެސް ފެންގަނޑު އިތުރަށް ބަންޑުންވުމުގެ ފުރުސަތު އޮތުމުން ރެސްކިއު ޓީމްތަކުން ދަނީ އެ ސަރަހައްދުން މީހުން އިވެކުއޭޓް ކުރަމުންނެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ އަސަރު 33 މިލިއަން މީހުންނަށް ވަނީ ކޮށްފައެވެ. މިހާތަނށް 1،314 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި 458 ކުޑަކުދިން ހިމެނެއެވެ.
ސަރުކާރުން ލަފާކުރަނީ ލިބިފައިވާ ގެއްލުން 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
ޕާކިސްތާނުގެ ކާބޯތަކެތީގެ ސަޕްލައިގެ 50 ޕަސެންޓް އުފައްދަނީ ސިންދް ޕްރޮވިންސުންނެވެ. އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އެ ޕްރޮވިންސަށް ކަމަށް ވާތީ ކާބޯތަކެތީގެ ކާރިސާއެއް އުފެދުމުގެ ބިރު އެބަ އޮތެވެ.