ޚަބަރު އިޖުތިމާޢީ

ޕްލެޓްފޯމް އެރުމުގެ ސަބަބުން ވިލިމާލޭ ފަރުގައި ފުން ވަޅުގަނޑުތަކެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ވިލިމާލޭ ފަރަށް ލިބިފައިވާ ގެއްލުންތައް. ފޮޓޯ: އީޕީއޭ

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބުރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ފޮޓޯތަކެއް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޢާންމުކޮށްފިއެވެ.

Ads by MWSC

ޕްލެޓްފޯމް ފަަރަށް އެރީ މިދިޔަމަހުގެ 16 ގައެވެ. ފަރުމަތިން ޕްލެޓްފޯމް ނަގާފައިވަނީ އޭގެ 11 ދުވަސް ފަހުންނެވެ. ފަރަށް ލިބިފައިވާ ގެއްލުންތައް ބަލަން ސާވޭކުރަން ފެށީ އެ ތަނަށް އެޅިފައި ހުރި ދަނގަޑުތައް ނަގައި ނިމުމުން, އޭގެ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

އީޕީއޭއިން އިއްޔެ ވަނީ ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ހަތަރު ފޮޓޯއެއް ޢާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ ފަރުގައި ހެދިފައި ހުރި ބޮޑެތި ހަތަރު ބާގަނޑެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ދެން ހުރި އެހެން ބާގަނޑުތަކަށްވުރެ އެއް ބާގަނޑު މާ ފުނެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ އެއީ ޕްލެޓްފޯމުގެ ފައިތަކުން ލިބިފައިހުރި ގެއްލުންތައް ކަމަށް ބެލެވޭ ކަމަށެވެ.

މީގެ ކުރިން ވެސް, ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރާ ބޭރުގެ ކުންފުނިތަކުގެ އުޅަނދުތައް ރާއްޖޭގެ ބައެއް ފަރުތަކަށް އަރައި ބޮޑެތި ގެއްލުންތައްވެފައި އެބަހުއްޓެވެ. އޭގެތެރެއިން ބައެއް އުޅަނދުތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލައި އެ އުޅަނދުތަކުގެ ވެރި ފަރާތްތައް ޖޫރިމަނާކޮށްފައި ވެސް އެބަހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!