ރައީސް ޞާލިޙަކީ ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއް ނޫން: މާރިޔާ
ދިވެހިރާއްޖޭގެ ޒަޢާމަތުގައިހުންނެވީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫންކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ
ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިން ކުރިމަތިލައިގެން މިތިބީ ވަރަށް ތަފާތު އިޤްތިޞާދީ، އިޖްތިމާޢީ، އަދި ސަލާމަތީ ޙާލަތަކާއިކަމަށެވެ.
ދުނިޔޭގެ ވެސް އަދި ދިވެހިރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގެވެސް އިސްތިރާޖީ އަދި ސަލާމަތީ މަސްރަޙު ވަނީ އިހުނަށްވުރެ ހަލަބޮލިވެފައިކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ޔުނިޕޯލަރ ނިޒާމަކުން މަލްޓިޕޯލަރ ނިޒާމަކަށް ދުނިޔޭގެ ބާރުތައް ބަދަލުވެފައިވާއިރު، ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ވާދަވެރިކަމުގެ އަސަރުތައް ކުދި ޤައުމުތަކަށްވެސް ދަނީ ކުރަމުންކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ބިނާކޮށް، ކުރިއެރުވުމަކީ މުހިންމު އަދި ރޭވުންތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ތަފާތު ގޮންޖެހުންތަކަށް ރިޢާޔަތްކުރައްވާ، ދިފާޢީ އަދި ސަލާމަތީ ސިޔާސަތުތައް އެކުލަވާލައްވާ، އެ ސިޔާސަތުތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ދިފާޢީ އަދި ސަލާމަތީ ނިޒާމުތަކާއި އިންތިޒާމްތައް ބައްޓަން ކުރެއްވުންކަމަށެވެ.
ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ހުރި ބޮޑެތި ގޮންޖެހުންތަކަށް ބަލާއިރު، ޓެރަރިޒަމް އާއި ހަރުކަށި ފިކުރުގެ ނުރައްކާއާއި، ޑްރަގްގެ ވިޔަފާރިއާއި، މޫސުމީ ބަދަލުގެ ސަބަބުން ދިފާޢާއި ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޤަވާޢިދާޚިލާފަށް ދިވެހި މަސްކަނޑުތަކުން މަސްވެރިކަންކުރުމާއި، ކަނޑުގެ ވެއްޓަށް ތެޔޮއެޅުން ފަދަ މެރިޓައިމް ޕޮލިއުޝަން އާއި، މެރިޓައިމް އެކްސިޑެންޓް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޗައިނާ، އިންޑިއާ އަދި މިނޫންވެސް ބޮޑެތި ޤައުމުތަކުގެ ވާދަވެރިކަން އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އިތުރުވީ ވަރަކަށް އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައްވެސް އިތުރުވަމުންދާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް އެކުލަވާލި ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ޕޮލިސީ ކަނޑައަޅާ ޑިފެންސް ވައިޓް ޕޭޕަރާއި، ދިވެހިރާއްޖޭގެ ނެޝަނަލް މެރިޓައިމް ސެކިއުރިޓީ ސްޓްރެޓެޖީ ޝާއިޢުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އިންޓެގްރޭޓެޑް ބޯޑަރ މެނޭޖްމަންޓް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނޮވެމްބަރު 2018 އާ ދިވެހިރާއްޖެ ކުރިމަތިލިއިރު، ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ދެކެމުން އައީ، ސިފައިންނަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ބިރެއް ގޮތުގައިކަން ސިފަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައްޔިތުން ދުށީ ސިފައިންނަކީ، ރައްޔިތުންގެ މަޖިލިސް ޙިސޯރުކޮށް ރައްޔިތުންގެ އަޑު ކަނޑުވާލުމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް އިންސާފުގެ ދޮރުތައް ބަންދުކުރުމަށާއި، އިލެކްޝަންތައް ހުއްޓުވާ، ރައްޔިތުން އެމީހުންގެ ވެރިން އިޚްތިޔާރުކުރުމުގެ ޙައްޤުން މަޙުރޫމްކުރުމަށް ސަރުކާރުން ބޭނުންކުރާ ވަޞީލަތެއް ގޮތުގައިކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2018 ނޮވެމްބަރު 17 ވަނަދުވަހު ދިވެހިރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ވެވަޑައިގެން ވައުދުގެ ހަނދާން އައުކުރައްވާ މިނިސްޓަރ ވިދާޅުވީ، ދިވެހި އަސްކަރިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކޮށް،
ރައްޔިތުންގެ އިޙުތިރާމާއި ލޯތްބާއި އިތުބާރު ލިބިފައިވާ އަސްކަރިއްޔާއެއް ދިވެހި ރައްޔިތުންނަށް ބިނާކޮށްދެއްވުމަށްކަމަށެވެ. މިއަދުގެ ދިވެހި ސިފައިންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ، ރައްޔިތުންގެ އިޙުތިރާމް ލިބިފައިވާ، ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންނަށް ޖަވާބުދާރީވާ ޑިމޮކްރެޓިކް ނިޒާމަށް އަހުލުވެރި ބައެއްކަމަށްވެސް ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.