ޚަބަރު ރައްޔިތުންގެ މަޖިލިސް

ޤާސިމްގެ އިސްލާހު އަނބުރާ ގެންދަވަން މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މެންބަރު އަސްލަމް. ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ބޭއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަވައި ޕާޓީތަކުގެ މަޝްވަރާ ހޯއްދަވަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ މެންބަރުންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް އޭނާ ތާއީދު ކުރައްވާ ކަމަށާއި, ނަމަވެސް 87 އައީ ކޮން ފޯމިއުލާއެއްގެ ދަށުން ކިހިނެއް އައި ނަންބަރެއްތޯ ވިސްނައިލަންޖެހޭ ކަމަށެވެ. އަދި އެ ޢަދަދު ކަނޑައެޅުމަށްފަހު އިދާރީ އެތައް މައްސަލައެއް ދިމާވާނެ ކަމަށާއި, އޭގެ ސަބަބުން ބައެއް ޤާނޫނުތަކަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭނެކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ މި ވަރުގެ ބޮޑު ބަދަލެއް އަންނައިރު ކޯލިޝަން ޕާޓީތަކުގެ އިތުރުން ސިޔާސީ ލީޑަރުންނާއި އެހެނިހެން ޕާޓީތަކާ ވެސް މަޝްވަރާ ކުރުން މުހިންމު ކަމަށާއި, ބިލާ ދޭތެރޭ ވިސްނައި އިތުރަށް މަޝްވަރާ ކުރުމަށް ބިލު އަނބުރާ ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޤާސިމްގެ އިސްލާހުގައި ވަނީ 2008 ވަނަ އަހަރުގެ އޮގަސްޓު ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ބޭއްވީ ރައްޔިތުން މަޖިލީހުގެ ތިން އިންތިޚާބު ކަމަށާއި, ކޮންމެ ފަހަރަކު ވެސް މެންބަރުންގެ ޢަދަދު އިތުރުވަމުންދާ ކަމަށެވެ.

އެ ގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލީހަށް 77 މެންބަރުން އިންތިޚާބުކުރިއިރު, 18 ވަނަ މަޖިލީހަށް އިންތިޚާބުކުރި 85 މެންބަރުން އަދި ހިނގަމުން މިދާ 19 ވަނަ މަޖިލީހަށް އިންތިޚާބުކުރި މެންބަރުންގެ އަދަދަކީ 87 ކަމަށެވެ.

ޤާސިމް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި ހުއްޓުމެއްނެތި އެ ޢަދަދު އިތުރުވަމުންދާނަމަ އެއީ ރާއްޖެފަަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ޢަދަދަށްވުރެ މާ ގިނަ ޢަދަދަކަށްވާނެ ކަމަށާއި, އެއީ އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!