ޤައުމު އެމެރިކާއަށް އަޅުވެތިވާން ނޭދެން: އިމްރާން ޚާން
އިމްރާން ޚާން އަށް ވެރިކަން ގެއްލި ވަޑައިގަތީ ޕާކިސްތާންގެ ދާޚިލީ ސިޔާސަތުގެ ތެރެއަށް އެމެރިކާ ވަދެގަތުމުން ކަމަށް ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އޮތީ ވިދާޅުވެފައެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެމެރިކާއާ އެކު ގާތްގުޅުމެއް ބޭއްވުމަކީ އެ މަނިކުފާންގެ ސަރުކާރުން އެދިވަޑައިގެންނެވި ކަމެއް ކަމަށާއި އަޅުވެތިވުމަށް ފުރުސަތު ދެއްވުމަކީ އެއްވެސް ހާލެއްގައި ކުރެއްވި އަދި ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.
ޕާކިސްތާނަށް ހަމަޖެހުން އޮތީ އަވަސް އިންތިހާބެއް ވާއްވައިގެން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން އަދި ވިދާޅުވީ ޕާކިސްތާނަށް ރާހަތެއް އަދި އިހުތިރާމެއް ނެތް ގޮތުގައި އެމެރިކާ އާއެކު ގުޅުން ބޭއްވުމަކީ ބޭކާރު ކަމެއް ކަމަށެވެ.
އިމްރާން ޚާން ބޮޑުވަޒީރުގެ މަގާމުން މި އަހަރު އޭޕްރީލްގައި ދުރުކުރީ އިދިކޮޅު ޕާޓީތައް އަންބާކިޔައި އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް ވޯޓުލައިގެންނެވެ. މި ކަމާ ގުޅިގެން އިމްރާން އެންމެ ބޮޑަށް ފާޑުވިދާޅުވަނީ އެމެރިކާ އަށެވެ.
އެމެރިކާ އާއެކު އެންމެ ފައްކާ ގުޅުމެއް ބާއްވަނީ އިންޑިއާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެމެރިކާ އާއެކު ޕާކިސްތާން އެފަދައިން ގުޅުން ބޭއްވުމަކީ މައްސަލައެއް ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެމެރިކާ ގެންގުޅެނީ ޕާކިސްތާން އަޅުވެތިކޮށް ވަރަށް ބޮޑަށް ނުފޫޒު ފޯރުމުގެ ސިޔާސަތެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިންޑިއާ އާއެކު ގެންގުޅޭ ފަދަ ސިޔާސަތަކުން ޕާކިސްތާނާ މެދު ވެސް އެމެރިކާއަށް މުއާމަލާތް ކުރެވިދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އެއީ އެމެރިކާ އަށް އަދި ޕާކިސްތާންއަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި ޕާކިސްތާންގައި މިހާރު ހުރި މައްސަލަތަކަށް މިހާރުން މިހާރަށް އޮތް ހައްލަކީ އާންމު އިންތިހާބެއް ބޭއްވުން ކަމަށެވެ. މައްސަލަތައް ހައްލުވެ ދާޚިލީ ހަމަޖެހުން ގާއިމުވެގެން ދާނީ އާންމުގެ ވޯޓަކުން ސަރުކާރު އެކުލަވާލެވުމުން ކަމަށް ވެސް ވިދާޅުއެވެ.
އިންތިހާބީ ސަރުކާރަކާ އެކު މުއާމަލާތް ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ޕާކިސްތާނަށް ދެން އަންނަ ސަރުކާރަކީ އެންމެންނާ ވެސް ގުޅޭ އަދި މީހުން ލޯބިވާ ސަރުކާރަކަށް ވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.