ދުނިޔެ

ފެންބޮޑުުވެފައިވާ ޕާކިސްތާނުގައި ސިއްހީ ކާރިސާއެއްގެ ބިރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޯކޮށް ވާރޭވެހި ޕާކިސްތާނުގައި ފެންބޮޑުވެފައިވާ މި ދަނޑިވަޅުގައި ސިއްހީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު ބޮޑުވެއްޖެއެވެ.

Ads by Sosun Fihaara

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް މެދުވެރިގެން، 1500 އެއްހާ މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ.

ގާތްގަނޑަކަށް 33 މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ އިރު، އެ މީހުންގެ މެދުގައި ސިއްހީ އެތައް މައްސަލަތަކެއް މިހާރު ދަނީ ފެތުރެމުންނެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފެތެރުމުން ދަނީ ޑެންގޫ އާއި މެލޭރިއާ ކަމަށް ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.

ހާލުގައި ޖެހިފައިވާ ގިނަ ބަޔަކު މަޑުކޮށްގެން ތިބީ ފެންގަނޑުތައް ކައިރީގަ އެވެ. އެހެންކަމުން އެ ތަންތަނުގައި މަދިރި އާލާވެ، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ހަލުވިކަމާ އެކު ދަަނީ ފެތުރެމުންނެވެ.

ދެކުނު ސިންދް ޕްރޮވިންސްގައި ޑެންގޫގެ 3،830 ކޭސް ރިޕޯޓުކޮށްފައިވާ އިރު، މިހާތަނަށް ނުވަ މީހުން މަރުވެފައިވެއެވެ.

ޕާކިސްތާން މެޑިކަލް އެސޯސިއޭޝަނުން ބުނީ ސިންދް ޕްރޮވިންސްގެ ހާލަތު ވަރަށް ގޯސް ކަމަށާއި ޓެސްޓު ކުރާ ކޭސްތަކުގެ 80 ޕަސެންޓަކީ ޑެންގޫ ކަމަށެވެ.

މިދިޔަ ހަފްތާގައި އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ޕާކިސްތާނުގެ ފެންބޮޑުވެފައިވާ ހިސާބުތަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު ވިދާޅުވީ ހާލަތު ވަރަށް ގޯސް ކަމަށެވެ.

ޕާކިސްތާނަށް އެހީވުމަކީ ދުނިޔޭގެ ޒިންމާއެއް ކަމަށާއި މުއްސަނދި ގައުމުތަކުން އިސްނަގައި އެހީވުމަަށް ގުޓެރޭޒް ގޮވާލެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!