ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ޕާކިސްތާނުގައި 3.4 މިލިޔަން ކުޑަކުދިން ހާލުގައި ޖެހިފައި
xޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ވަގުތުން އެހީތެރިކަން ބޭނުންވެފައި 3.4 މިލިއަން ކުޑަކުދިން އެ ޤައުމުގައި އެބަތިބި ކަމަށް ޔުނިސެފުން ބުނެފިއެވެ.
ޔުނިސެފުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގައި ފެންބޮޑުވެ 16 މިލިއަނެއްހާ ކުޑަކުދިންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ. މީގެ ތެރެއިން 3.4 މިލިއަން ކުދިންގެ ފުރާނަ ސަލަމާތް ކުރަން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ޕާކިސްތާނުގެ ޔުނިސެފް ރެޕްރެޒެންޓޭޓިވް އަބްދުﷲ ފާދިލް ވިދާޅުވިއެވެ.
ޖޫން މަހުގެ މެދުތެރެެއިން ފެށިގެން އެޤައުމަށް ކުރަމުން އައި ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ބޮޑުބައެއްގައި ފެންބޮޑުވެ މިހާތަނަށް 1545 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި މިއީ މިހާތަނަށް އެ ޤައުމަށް ދިމާވި އެންމެ ބޮޑުއެއް އިންސާނީ ކާރިސާއެވެ. މި ކާރިސާގައި މަރުވި 1545 މީހުންގެ ތެރޭގައި 552 ކުޑަކުދިން ހިމެނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި ޑެންގޫ ފަދަ ބަލިތައް ވެސް ދަނީ އިތުރުވަމުންނެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ބޭނުންވާ ކާބޯތަކެތި ނުލިބި ކުޑަކުދިންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ޔުނިސެފުން ބުނެއެވެ. އެ ޤައުމުގައި އިންސާނުންގެ ހާލަތު އެންމެ ބޮޑަށް ދަށްވެފައިވަނީ ސިންދު ޕްރޮވިންސުގައެވެ.
ދެކުނު ސިންދު ޕްރޮވިންސްގެ ހެލްތު މިނިސްޓަރު އަޒްރާ ވިދާޅުވީ އަދި ނުހިނދި އޮތް ފެންގަނޑުގެ ސަބަބުން ސްޓޭޓް އޮފް އިމަރޖެންސީ ހާލަތު އުފެދިފައިވާ ކަމުގައެވެ. މި ފެންގަނޑުތަކަކީ ޑެންގޫ ޖައްސާ އޭޑީސް މަދިރި ބިސްއަލާ އާލާވާނެ ތަންތަންކަމުން، ޑެންގޫ އާއި ހަމުގެ ބަލިތައް ދަނީ ބާރަށް ފެތުރެމުންކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މެލޭރިޔާ އާއި ބޭރަށް ހިންގުން ފަދަ ބަލިތައް ވެސް އެހިސާބުތަކުގައި ދަނީ ފެތުރެމުންނެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާ ފޯރުކޮށްދެމުން އަންނައިރު އަދިވެސް ގިނަ އަދަދެއްގެ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްނުދެވެއެވެ.