ޚަބަރު ރައްޔިތުންގެ މަޖިލިސް

ސަޢީދު 241 ކޮމިޓީއަށް މައްސަލަ ހުށަހެޅިއިރު ސަރުކާރުން ހަދާނެ އެއްޗެއް ހަދައި ނިންމައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މެންބަރު ސަޢީދު

ޖާސޫސް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރި ދެ މީހުންގެ ތަޙްޤީޤު ދެފުށް ފެންނަ ގޮތެއްގައި ހިންގައި, މައްސަލައިގެ ތަފްސީލު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރުމަށް ގޮވައިލައްވައި, މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޢީދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް 34 މެންބަރުން ވޯޓު ދެއްވިއިރު, ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 06 މެންބަރުންނެވެ.

ސަޢީދު ވިދާޅުވީ އެއާޕޯޓުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާފަދަ ބައެއް ކަންކަން ހިނގިކަމަށް ދާދިފަހުން މީޑިއާތަކުގައި ފެންމަތިވަމުންދާ މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން, އެ މައްސަލަ ބަލައިދިނުމަށް އެދި 241 ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޖާސޫސް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ވީއައިއޭއިން އިންޑިއާ ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 28 ގައެވެ. އެ މީހުން ހައްޔަރުކުރީ އެއާޕޯޓުގައި ދޫކޮށްލާފައި އޮތް ދަބަހެއްގެތެރޭގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އޮތް މައްސަލައިގައެވެ.

241 ކޮމިޓީން އެ މައްސަލަ ބަލައި ދިނުމަށް އެދި ސަޢީދު މިއަދު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ, ބައިނަލްއަގުވާމީ މީޑިއާތަކުން އަނެއްކާ ވެސް މި ހާދިސާއާ ގުޅޭ ގޮތުން ކަންބޮޑުވާފަދަ ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައިވާ ކަމަށެވެ. އެ މަޢުލޫމާތުތަކަށް ބަލާއިރު މި ހާދިސާ ހިނގުމުގެ ކުރިން ރާއްޖޭގައި މިކަމުގައި ބައިވެރިން ބައްދަލުވުމެއް ބާއްވާފައިވާކަމާއި, މި ހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ އައިސް ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށް ސަޢީދުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުމަށްފަހު ފުލުހުން މި ހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުނު ކަމަށާއި, މިއީ ރޭވިގެން ހިންގާފައިވާ ވަރަށް ނުރައްކާތެރި ޢަމަލެއްކަމާއި އަދި މިކަމުގެ ބިރު އަވަށްޓެރި ބައެއް ޤައުމުތަކަށް އޮތްކަން ހާމަކޮށްފައިވާކަމަށް ވެސް ސަޢީދު ފާހަގަކުރައްވާފައިވެއެވެ.

ސަޢީދު ވަނީ މި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ''ދެން'' އަށް ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު ކުރި ކުރުމުން ޖިނާޢީ ތުހުމަތެއް އުުފުލޭވަރުގެ ހެއްކާއި ޤަރީނާ ހޯދިފައިނުވާތީ މި މަހުގެ 08 ވަނަ ދުވަހު އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެ މީހުން ރާއްޖެއިން ފޮނުވާލައިފައިވާ ކަމަށެވެ.

Ads by Ooredoo
  1. އަލީ

    އަދިވެސް މެޖޯރިޓީ ދޭންވީ އެމްޑީޕީއަށް ދިވެހިން ގަމާރު ކޮއްފި ، ގައުމު ހަލާކު ވެއްޖެ ، ޑޮލަރު 18ރ އަށް އަރައިފި، ތަކެތީގެ އަގު ހިތަށް ވެސް ނާރާހާ ބޮޑުވެއްޖެ. 2023 ލިބޭނީ ގައުމު ފަނާކުރާ ބަޔަކަށް ވެއްޖެއްޔާ . މަރުވެސްވެދާނެ ބަޔަކު..