ދުނިޔެ

އަނެއްކާ ވެސް ލަންކާއަށް އެހީވާން އިންޑިއާއިން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންކާ އަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަނެ އެ ގައުމަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ އަށް ހައްލު ހޯދާ ދިނުމަށް އެހީވާން އިންޑިއާއިން ނިންމައިފިއެވެ.

Ads by WAMCO

22 މިލިއަން މީހުން ދިރިއުޅެމުން އަންނަ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާ އާއި ގުޅިގެން އެގައުމުގެ ފޮރިން ރިޒަރވް ވަނީ ދަށަށްގޮސްފައެވެ. އަންގާރަ ދުވަހު އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ލަންކާ އަށް ދިމާވެފައިވާ މާލީ ކާރިސާއިން އަރައިގަތުމަށް އިންޑިއާ އިން މިހާރު ވަނީ ލަންކާއާ އެކު މަޝްވަރާތާއް ފަށާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ މަޝްވަރާތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މީގެ ކުރިން އިންޑިއާއިން ވަނީ ލަންކާއަށް ދިގު މުއްދަތަކަށް ކުރާ އިންވެސްޓްމެންޓްތަކުގެ ގޮތުގައި 4 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް އެއިޑް ފޯރުކޮށްދީފައެވެ.

އިންޑިއާގެ ހައިކޮމިޝަނުން ވަނީ އެ ގައުމުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ގޮތަކުން އެހީވާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ޔޫއެސް އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ސްރީލަންކާއަށް 60 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ ކުރީކޮޅު ލަންކާ އިން ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގައި 2.9 ބިލިއަން ޑޮލަރުގެ ލޯނަކަށް އެދިފައެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ ބޭރު ފައިސާ މަދުވުމުގެ ސަބަބުން އެ ޤައުމުގެ އިމްޕޯޓު ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ތަކެތި އެ ޤައުމަށް އެތެރެކުރުން ވަނީ މަދުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!