ދުނިޔެ

އިމްރާން ޚާން މައާފަށް އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ މެޖިސްޓްރޭޓް ކޯޓަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ކޯޓުގެ ޙުރުމަތް ކެނޑުމަށްފަހު، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަޢާފަށް އެދިވަޑައިގަންނަވައިފިއެވެ. މި މައްސަލައިގައި އިމްރާން ޚާން ވަނީ އިސްލާމް އާބާދުގެ ހައި ކޯޓަށް ހާޒިރުކޮށްފައެވެ. އަދި، މަޢާފަށް އެދިފައި ވަނީ ކޯޓުތަކުގެ ޙުރުމަތް ކެނޑުމުގެ ދަޢުވާ އުފުލާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ.

Ads by Sosun Fihaara

އޭނާ މެޖިސްޓްރޭޓް ކޯޓަކަށް ފާޑު ވިދާޅުވެފައި ވަނީ، އޭނާގެ އަރިސް މީހެއް ހައްޔަރު ކުރި މައްސަލައެއްގައެވެ. ޝަހްބާޒް ގިލް ހައްޔަރު ކޮށްފައި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއަށް ފާޑުކިޔުމާ ގުޅިގެންނެވެ. އިމްރާން ޚާން މަޢާފަށް އެދިވަޑައިގަތުމާ ގުޅިގެން، ހައި ކޯޓުން އޭނާގެ މައްސަލަ ބޭރުކޮށްލާނެ ކަމަށް ބެލެވެއެވެ.

"އެންމެން ވެސް ކޯޓުތަކަށް ޙުރުމަތް ކުރަން ވާނެ. އެހެންވެ، އޭނާ މަޢާފަށް އެދުނީ،" އިމްރާން ޚާންގެ ޤާނޫނީ ވަކީލު ފައިސަލް ޗައުދްރީ ވިދާޅުވިއެވެ. މަޝްހޫރު ކުރިކެޓު ކުޅުންތެރިޔެއް ކަމުގައިވާ އިމްރާން ޚާންގެ ސަރުކާރު ވެއްޓުނީ އޭޕްރިލް މަހު، އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.

ނަމަވެސް އަލުން ވެރިކަމަށް ވަޑައިގަންނަވަން އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، އޭނާއަށް ތާޢީދުކުރާ މީހުން ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. "އަހުރެން ހަނގުރާމަ ކުރަމުން މި ދަނީ މިނިވަންކަމަށް ޓަކައި. ޕާކިސްތާނުގެ ކޯޓުތަކާ ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތް،" އިމްރާން ޚާން ވިދާޅުވިއެވެ.

އަންނަ އަހަރު ފަހުކޮޅު ބާއްވާ ޢާންމު އިންތިޚާބުގައި އިމްރާން ޚާން ވާދަ ކުރައްވާނެއެވެ. ނަމަވެސް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލައިގައި ހައި ކޯޓުގައި ބަލަމުންދާ މައްސަލަ ބޭރުކޮށް ނުލައިފި ނަމަ، އަދި އޭނާގެ މައްޗަށް އެ ކުށް ސާބުތުވެއްޖެ ނަމަ، އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު އޭނާއަށް ގެއްލޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!