މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.
ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި ބަހައިލަންޖެހުމާއި, މަހުގެ އަގު ކޮންޓްރޯލް ކުރުމާއި, އެކަށީގެންވާ ގޮތެއްގައި އައިސް ލިބޭނެ ގޮތް މަގުފަހިވެފައި ނެތުމަކީ މަސްވެރިންގެ ކަންބޮޑުވުން ހުރި މައްސަލަތައްކަމަށް ފާހަގަކުރައްވާފައިވެއެވެ.
މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަން ފާހަގަކުރައްވައި, ޝިޔާމްގެ މައްސަލައިގައި ވަނީ މަސް ކިރޭނެ ގޮތެއް ނެތި އެކި ޚިދުމަތްތައް ހޯދުމަށް އެކި ނަންނަމުގައި ދެތިން ހަތަރު ދުވަސްވަންދެން ކިޔުގައި މަޑުކުރަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ. އަދި ޚިދުމަތްތައް ނުލިބި މަހަށް ފުރޭނެ ގޮތް ވެގެން ނުދިއުމަކީ މަސްވެރިންނަށް ލިބޭ ޢާމްދަނީ ގެއްލޭކަމެއްކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވި ގޮތުގައި %99 ދޯންޏަށް ބާނާ މަހުގެ ހަމަ އަގެއް އަދި އައިސް އެއް ވެސް ނުލިބެއެވެ.
މީގެއިތުރުން ޝިޔާމްގެ މައްސަލައިގައި ވަނީ މަސްވެރިން ބާނާ މަސް ގަތުމަށް މިފްކޯއިން ކެޕޭސިޓީ އިތުރުކުރަން މަސައްކަތް ނުކުރާކަން ވެސް ފާހަގަކުރައްވައިފައެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާފައިނުވާކަން ވެސް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރާއްޖޭގެ ސަރަހައްދަށް ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ބޭރުގެ މަސްބޯޓުތަކުން ވަދެ މަސްވެރިކަން ކުރާ މައްސަލައަކީ މަސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮޮތް މައްސަލައެއްކަން ވެސް ޝިޔާމްގެ ކުއްލި މައްސަލައިގައި ވަނީ ފާހަގަކުރައްވައިފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ފުރުސަތު ހުޅުވައިލުމުން މައްސަލަ ބަލައިގަތުމަށް 25 މެންބަރުން ވޯޓު ދެއްވިއިރު, ހަތަރު މެންބަރަކު ވަނީ މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.