ރިޕޯޓް އިޖުތިމާޢީ

36 ވަނަ ޤައުމީ ދުވަސް: މުހިންމު ކަމެއްގެ ފެށުމާއި, މުހިންމު ނިންމެވުމެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
1980 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އުތީމުގައި

އެއީ މީގެ 42 އަހަރު ކުރިއެވެ. 19 ޖަނަވަރީ 1980 އެވެ. ހަމަ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެކެވެ. އާދެ, 36 ވަނަ ޤައުމީ ދުވަހެވެ. ތަނަކީ ހއ.އުތީމެވެ. ދުވަސް ނިމުނީ އިތުރު ރަބީޢެއް ގެނުވަމުންނެވެ. މުހިންމު ކަމެއްގެ ފެށުމާއި, މުހިންމު ނިންމެވުމަކުންނެވެ.

Ads by STELCO

އެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ, އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑުތަކުރުފާނުގެ ޒިކުރާ ދިރުވުމުގެ ގޮތުން ޚާއްސަ މަރުކަޒެއް ހެއްދެވުމުގެ ޚިޔާލުފުޅު ކުރެއްވީ 1979 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވެފައިވާ ގޮތުގައި އެ މަރުކަޒު ހައްދަވަން ނިންމެވީ ރާއްޖެ އުފެއްދި އެންމެ ވަރުގަދަ ބަޠަލު ބޮޑުތަކުރުފާނުގެ ހަނދާން އަބަދަށްޓަކައި ދެމިހުންނަނިވި ނިޝާނެއްގެ ގޮތުގައެވެ. ރާއްޖޭގެ މުސްތަޤުބަލުގެ ދަރިންނަށާއި,ބޭރުގެ މީސްމީހުންނަށް ފެންނަން ހުންނާނެ މަރުކަޒެއްގެ ގޮތުގައެވެ.

''އަޅުގަނޑު މިކަހަލަ މަރުކަޒެއް މިރަށުގައި ހެދުމުގެ ޚިޔާލުކުރީ 1979 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހު. އެއީ ތިލަދުންމައްޗަށް އަޅުގަނޑު ކުރި ދަތުރުގައި އުތީމަށް އައި ދުވަސް. އެދުވަހުން ފެށިގެން މިއަދާ ހަމައަށް މިވީ 10 މަހާއި ފޮއި ދުވަސް ފާއިތުވެގެން ދިޔައީ، އެފަދަ މަރުކަޒެއްގެ ޑިޒައިން ކުރެހުމަށާއި، ކަމާބެހޭ ތައްޔާރުތައް ކުރުމުގައި.''

ރައީސް މައުމޫން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އެ ދުވަހުގެ ޖަލްސާ ނިމުނު ފަހުންނެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު

ރައީސް މައުމޫން އެ ދުވަހު ނިންމެވި މުހިންމު ނިންމެވުމަކީ,
''ރޭޑިޔޯ މޯލްޑިވްސް'' ގެ ނަން, "ދިވެހިރާއްޖޭގެ އަޑު" މި ނަމަށް ބަދަލު ކުރެއްވި ބަދަލު ކުރެއްވުމެވެ.

ރައީސް މައުމޫނު ވިދާޅުވެފައިވާ ގޮތުގައި, ''އަޅުގަނޑުމެންގެ ރޭޑިޔޯއަކީ އަޅުގަނޑުމެންގެ އަޑެވެ.'' ސަރުކާރުގެ އެންގެވުންތަކާއި, ޚަބަރުތަކާއި, ބޭރުގެ ޚަބަރުތަކާއި އެހެނިހެން މަޢުލޫމާތު ދިވެހި ރައްޔިތުންނަށް އިއްވައިދޭ ވަސީލަތެވެ.
ދިވެހިންގެ ތަޢާރަފް, ބޭރު މީހުންނަށް ގެނެސްދޭ ވާސިޠާއެވެ.

''ވީއިރު، އަޅުގަނޑުމެންގެ ރޭޑިޔޯއަށް ބޭރު ބަހަކުން ނަމެއް ކިއިގެނެއްނުވާނެ. އާދެ، މިފަދަ ޤައުމީ ވާޖިބުތަކެއް އަދާކުރާ، މިފަދަ މުހިންމު ޤައުމީ ވަސީލަތަކަށް ބޭރުބަހަކުން ރޭޑިޔޯ މޯލްޑިވްސްއޭ ކިޔުމަކީ އަޅުގަނޑު ހިތުން މާ ހަމަޖެހޭ ކަމެއްނޫން. އެހެންކަމާއެކު އަޅުގަނޑުމެން މިއަދު މިކުރިމަތިލާ ދިވެހިވަންތަކަން އަލުން ދިރުވުމުގެ ރޫޙުގެ ފެށުމެއް ކަމުގައި އަޅުގަނޑު މިފަޚުރުވެރި ފަސްގަނޑުން މި އިޢުލާނު ކުރަނީ، މިއަދުން ފެށިގެން، ރޭޑިޔޯ މޯލްޑިވްސްގެ ނަމަކީ، ދިވެހިރާއްޖޭގެ އަޑު ކަމަށް. އާދެ، އެއީ ދިވެހިރާއްޖޭގެ އަޑު. އަޅުގަނޑުހިތުން އެއީ، އެއަށް އެންމެ އެކަށީގެންވާ ނަން. އެއީ ޙަޤީޤަތުގައި ވެސް ދިވެހިރާއްޖޭގެ އަޑު.''

ދިވެހިރާއްޖޭގެ އަޑު

ރައީސް މައުމޫންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ބައެއް ނުކުތާތައް:

1.ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ، އެއް ގޮތަކުން ބަލައިފިނަމަ ޞަލާޙުއްދީނުލްއައްޔޫބީ ކުރެއްވި ޖިހާދަށްވުރެ ވެސް ވަރުގަދަ ޖިހާދެއް.

2.އަނެއްގޮތަކުން ބަލައިފިނަމަ، ބޮޑުތަކުރުފާނު ވެވަޑައިގެންނެވި ޤުރުބާނީއަކީ، ޖޯޖްވޮޝިންގޓަން ނުވަތަ މަހާތުމާގާނދީ ފަދަ ޒަޢީމުން، އެ ބޭފުޅުންގެ ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއަށްވުރެ މާމަތިވެރި ޤުރުބާނީއެއް.

3.ޤައުމީ ދުވަސް ފާހަގަކުރާއިރު ހަނދާންކުރަންވީ ބޮޑުތަކުރުފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި މިނިވަންކަމުގެ އިރުޝާދު. ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުތިބުމުގެ އިރުޝާދު.

4.އަޅުގަނޑުމެން ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރި ނުވާންވީ ސަބަބެއް ނެތް. އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ބަހެއް އެބައޮތް. އަޅުގަނޑުމެންގެ އަމިއްލަ ދިވެހި އާދަކާދަތަކެއް އެބަހުރި.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!