ރިޕޯޓް

މެޑިކަލް އިވެކްއޭޝަން؛ ފުރާނަ ސަލާމަތްކޮށްދިނުމުގެ 3958 ދަތުރު

މުޙައްމަދު އަރީޙް ، ދެން އޮންލައިން

"އަޅުގަނޑުމެންގެ ދައުރަކީ ފެސިލިޓީއަކުން ލިބެން ނެތް ޚިދުމަތެއް އެއަށްވުރެ ހަޔަރ ފެސިލިޓީއަކަށް ގެންދިއުމަށްޓަކައި, އާސަންދަ މެދުވެރިކޮށް, އާސަންދައިގެ ޑޮކްޓަރުންގެ ޓީމަކުން ބައްލަވާފައި, އެ މީހާ މެޑިކަލް އިވެކްއޭޝަން, އެމަޖެންސީއަކަށް ގެންދަން ޖެހޭ ކަމަށް ކަނޑައަޅާ އަޅުގަނޑުމެން އެއްގުމުން, ޕޮއިންޓް އޭ ޓު ބީއަށް އެ މީހަކު އިވެންކްއޭޓް ކުރުން."

Ads by STELCO

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ރައްޔިތުންނަށް ދެމުން އަންނަ މެޑިކަލް އިވެކްއޭޝަނަކީ ކޮބައިކަން ވަރަށް ކުރުކޮށް ވިދާޅުވަމުން ލެފްޓްނެންޑް ކާނަލް މުޙައްމަދު ރިޒްމީ ވަލީދު ވިދާޅުވީ މިހެންނެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ދަށުން ހިންގަމުން އަންނަ ކޯސްޓް ގާޑުން ދެމުން ގެންދާ މި ޚިދުމަތް ހިނގާ ގޮތް ބަލާލަން "ދެން"ގެ ޓީމަކުން ވާނީ އެމްއެންޑީއެފްއާއެކު އެއް މޭޒަކަށް ގޮސްފައެވެ.

ޖަޒީރާ ޤައުމެއްގައި މެޑިކަލް އިވެކްއޭޝަންގެ ބޭނުންތެރިކަން ހާމަވެ، ފުރަތަމަ ފަހަރަށް މިކަން ކުރަން ފެށީ 2014 ވަނަ އަހަރުގައެވެ. މަޑުމަޑުން ފްލީޓް ބޮޑުވަމުން ގޮސް، މިއަދު މެޑިކަލް އިވެކްއޭޝަންގައި ޑޯނިއާ އެއަރކްރާފްޓަކާއި ދެ ހެލިކޮޕްޓަރާއި 25 ސީއެންބިއުލެންސް ހަރަކާތްތެރިވެއެވެ.

ބަލިމީހާއަށް ބޭނުންވާ ފަރުވާ ވަގުތުން ނުދެވިއްޖެނަމަ، ފުރާނައަށް ނުރައްކާވެދާނެ ޙާލަތްތަކުގައި ނުވަތަ ދާއިމީ ނުކުޅެދުންތެރި ކަމަކަށް ބަލިމީހާ ހިނގައިދާނެ ޙާލަތްތަކުގައި، ބޭނުންވާ ފަރުވާ އެންމެ ކައިރިން ލިބެން ހުރި މަރުކަޒަކަށް ބަލިމީހާ ގެންގޮސްދެނީ އާސަންދަ ސްކީމުންގެ ދަށުންނެވެ.

މިގޮތަށް ބަލިމީހާއަށް ބޭނުންވާ ފަރުވާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާއިރު ބަލަނީ އެންމެ އަވަސް ގޮތަކަށް ފަރުވާ ދެވޭނެ އިންތިޒާމެކެވެ. މިގޮތުން އޭވިއޭޝަން އޮޕަރޭޓަރުންނާއެކު ވެސް ބައެއް ފަަހަރު ބަލި މީހުން އެއަރލިފްޓް ކުރެއެވެ. ނުވަތަ އެމްއެންޑީއެފް އިންނާއި އަމިއްލަ ފަރާތްތަކުން ވެސް ބަލި މީހާ އުފުލައެވެ. ބަލިމީހާ ރިފަރަލް ސެންޓަރަށް ގެންދާނެ ގޮތް (ކަނޑު ނުވަތަ ވައިގެ މަގުންތޯ) ކަނޑައަޅާނީ ބަލިމިހާގެ ހާލަތާއި، ރިފަރަލް ސެންޓަރާއި ދޭތެރޭ ހުރި ދުރުމިނާއި ދަތުރުކުރުމަށް ހުރި ގޮތްތަކަށް ބެލުމަށްފަހު، ބަލިމީހާއަށް ވީހާވެސް ތަކުލީފުކުޑަކޮށް އަވަސް ފަރުވާ ލިބޭނެ ގޮތަކަށެވެ.

ތަފާސް ހިސާބަށް ބަލާލާއިރު 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 3958 މެޑިކަލް އިވެކްއޭޝަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކޮށްފައިވެއެވެ. އޭގެ ތެރެއިން ސީއެންބިއުލާންސްގައި 2695 ދަތުރުކޮށްފައިވައިރު، ހެލިކޮޕްޓަރު ނުވަތަ ޑޯނިއާ ބޭނުންކޮށްގެން 1222 ދަތުރެއް ވަނީ ކޮށްފައެވެ. މިއަހަރުގެ މިހާތަނަށް އެކަނި ވެސް ޑޯނިއާ އަދި ހެލިކޮޕްޓަރުގައި 94 ބަލި މީހުން ވަނީ އުފުލާފައެވެ.

މިދަތުރުތަކުގައި ބޭނުން ކުރަމުން އަންނަ ހެލިކޮޕްޓަރުތަކާއި ޑޯނިއާއަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާ އުޅަނދެވެ. އެންމެ ގިނައިން މެޑިކަލް އިވެކްއޭޝަންތައް ހަދަން ޖެހެނީ ހިތުގެ މައްސަލަތައް ޖެހިގެންނާއި ވިހެއުމާއި ގުޅިގެން އަންނަ ކޮންޕްލިކޭޝަންސްތަކުގެ ސަބަބުންނެވެ.

"ދެން"އަށް ދެއްވި އިންޓަރވިއުގައި ކާނަލް ރިޒްވީ ވިދާޅުވީ، މިފަދަ އޮޕަރޭޝަންތައް ކުރިޔަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފްލީޓް މަދުވުމާއި މޭންޕަވަރ ނެތުން ކަމަށެވެ. އަދި މިދެކަން ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!