ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ފިރުޒުލް އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒް އެ މަޤާމުން އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.
އެމްޑީޕީގެ ސްލޮޓެއްގައި އޭނާ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ޖަނަވަރީ 27 ގައެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި މަޤާމުން އިސްތިއުފާދެއްވީ މި ވަގުތު އަމިއްލަ ކަންކަން ހުރި ގޮތުން މިނިސްޓްރީގެ މަސައްކަތްތަކަށް ވަގުުތު ދެއްވެވެން ނެތުމުން ކަމަށެވެ.
މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ފިރުުޒުލް ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ޤައުމަށް ޚިދުމަތް ކުރައްވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަޤާމުން އިސްތިއުފާދެއްވި ނަމަވެސް މި ސަރުކާރާއެކު މަސައްކަތް ކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.