ކާރެއް ކައިރީގައި ހުރީ އެއީ ވަޅިއަކުން ލިބުނު ޒަޚަމެއްގެ ލޭ: ފުލުހުން

ހުޅުމާލޭގެ މަގެއްގެމަތީގައި ޕާކުކޮށްފައި އޮތް ކާރެއްގެ ކައިރީގައި ބިންމަތީގައި ހުރި ލެއަކީ ވަޅިއަކުން މީހެއްގެ ފައިގާ އެޅިގެން ފޭބި ލޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ މަގެއްގެ މަތީގައި ޕާކުކޮށްފައި އޮތް ކާރެއް ކައިރި ބިންމަތީގައި ލޭހުއްޓާ ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދެއެވެ. އެއާއެކު ބައެއްމީހުން ވަނީ އެއީ ކިހިނެއްވީ ކަމެއްކަން ނޭނގި ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕާކުކޮށްފައި އޮތް ކާރު ކައިރިއަށް ވަރަށް ގިނައިން ލޭ ފައިބާފައިވާކަމުގެ އަސަރު ވީޑިއޯއިން ފެންނަން ހުއްޓެވެ. އަދި އެ ކާރުގެ ދޮރުގައިވެސް ކޮންމެވެސް ވަރަކަށް ލޭ ހޭކިފައި ހުއްޓެވެ.
މިކަމާ ގުޅިގެން ޢާއްމުން ކަންބޮޑުވުން ފާޅުކުރާތީ، ނޫސްވެރިން ސުވާލު ދެންނެވުމުން ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި ފުލުހުން ބެލިބެލުމުން އެނގިފައިވާގޮތުގައި އެލެއަކީ މީހަކު ބާޒާރުކޮށްގެންއައިސް ކާރުން ފޭބި ވަގުތު، އޭނާ ގެންގުޅުނު ކޮތަޅުގައި އޮތް ވަޅިއެއް ފައިގައި އެޅިގެން ފައި ޒަޚަމްވެގެން ފޭބި ލެޔެއްކަމަށެވެ. އަދި އެމީހާވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.