ރިޕޯޓް ސިޔާސީ

މި ދެ ރައީސުންގެ ޙުއްބުލްވަޠަންގެ ސިފައަށް އިންކާރު ކުރެވޭކަށް ނެތް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމިން އަދި ރައީސް ނާޞިރު

ޙުއްބުލްވަޠަނަކީ ޤައުމީ ލޯތްބެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތާ ގިޔާދަތަށް ލޮޅުމެއް އެރިޔަ ނުދިނުމެވެ. ޤައުމަށް ޤައުމެއްގެ ސިފަ ގެނެސް, ރައްޔިތުންދެކެ ހިތުގެ އަޑިން ލޯބިވުމެވެ. ދައުލަތަށް ހުތުރެއް, އުނިކަމެއް, ގެއްލުމެއް ލިބިދާނެފަދަ ކަންކަމުން އެއްކިބާވުމެވެ.

Ads by Hajj Corporation

މި ޤައުމުގައި ހަ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރެއްވިއިރު, އެ މަޤާމު އަދާކުރައްވަމުން ގެންދަވާ ހަތްވަނަ ބޭފުޅާގެ ދައުރު ނިމެން ހިނދު ކޮޅަކަށް ވީއެވެ. ސުވާލަކީ އިސްވެ މި ދެންނެވި ސިފަތައް ހުރީ އޭގެތެރެއިން ކޮން ބޭފުޅުންނެއްގެ ކިބައިގާ ތޯ އެވެ. މި ސުވާލު އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. ނަމަވެސް ޙަޤީޤަތް ސާފުވާ ފަދަ ދެ މިސާލެއް ދަންނަވައިލިޔަ ދެއްވާށެވެ.

އިންޑިއާއާ ދެކޮޅަށް ރައީސް ޔާމީން ނުކުމެވަޑައިގަތުން:

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރި އައު ރަންވޭ ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. އެކަމުގެ ކްރެޑިޓް ނަންގަވަން ސަރުކާރުން ތަފާތު ވާހަކަތައް ވެސް ދައްކަވައިފިއެވެ. ނަމަވެސް އެއާޕޯޓޭ ކިޔައިގެން އަނގަ ހުޅުވައިލަން އެމްޑީޕީ މިއަދު ލަދުގަންނަން ޖެހެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު ވިއްކައިލައްވަން އުޅުއްވި ހިސާބުން އެކަމާ ދެކޮޅު ހައްދަވައި އެންމެ ކުރިން ނުކުމެވަޑައިގެންނެވި އެއް ބޭފުޅަކީ އޭރު ރައްޔިތުންގެ މަޖިލީހުގައި މުލަކު އަތޮޅު ދާއިރާ ތަމްސީލު ކުރެއްވި ރައީސް ޔާމީނެވެ. އެ ގޮތުން އެކި ސިފަސިފައިގައި އޭރު އިހުތިޖާޖުތައް ކުރެވިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އެކަމުގައި ރައީސް ޔާމީނާ ''އެއް އޮޑިއެއްގައި'' އޭރު ތިއްބެވި ބޭފުޅުންގެ ތެރޭގައި އޭރުގެ ޑީއާރްޕީގެ ލީޑަރު އަޙްމަދު ތަސްމީނާއި, ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި, ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި, އޭރު އޮތް ޤައުމީ ޕާޓީގެ ލީޑަރު ޙަސަން ސަޢީދާއި, ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމެއްނެތި ދައުލަތުގެ ހަރުމުދާ ނުވިއްކޭ ގޮތަށް މާލިއްޔަތު ޤާނޫނުގެ އިސްލާހެއް ގެންނަވައި ފާސްކުރެއްވިއެވެ. ނަމަވެސް އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ މޭޒުކޮޅު މައްޗާ ހިސާބަށް އެ އިސްލާހު ދިއުމުން, ތަސްދީގު ނުކުރައްވައި އޮތް ގޮތަށް ބާއްވަވާފައި ދިގު މުއްދަތަކަށް އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު ވިއްކައިލެއްވީއެވެ.

ވެރިކަމުގައި ތިން އަހަރު ވީ ތަނާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ދެން ރައީސްކަން ކުރެއްވީ އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމާ އެކީގައިޖީއެމްއާރްގެ މައްސަލައާ ދޭތެރޭގައި ގޮތެއް ނިންމަވަންވެގެން އޭރުގައި އެ މަނިކުފާނާއެކުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއެކީ ބައްދަލުވުމެއް ބޭއްވެވިއެވެ. އެ ބައްދަލުވުމުގައި ތަސްމީނާއި, ޤާސިމާއި, އިމްރާނާއި, ޙަސަން ސަޢީދާއި, ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ.

ނަމަވެސް އޭރު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ އެއާޕޯޓު އޮންނަންވާނީ ދިވެހިންގެ އަތުގައި ކަމަށާއި, ޖީއެމްއާރަށް އެއާޕޯޓު ދީފައި ބާއްވަން މަޝްވަރާކުރާ ބައްދަލުވުމެއްގައި ޕީޕީއެމް ތަމްސީލެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ ބައްދަލުވުމުން ނިކުމެވަޑައިގަތީކަމަށް އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

އެ ވާހަކައަށް އަލިއަޅުވައިލައްވަމުން ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނާއި, ޙަސަން ސަޢީދު ފިޔަވައި ދެން ތިއްބެވި ހުރިހާ ބޭފުޅުން ތިއްބެވީ ޖީއެމްއާރާއެކު ކުރިއަށް ވަޑައިގަންނަވަން ކަމަށެވެ.

''ޤާސިމް ހަމަ ކަނޑައެޅިގެން ވިދާޅުވި ޤައުމު ހިންގަން ހުންނަ މީހަކަށޭ އެންމެ ރަނގަޅަށް އެނގޭނީ މި ކަންތައް ވާނެ ގޮތް, އަދި ތީގައި ބޭރު ޤައުމަކާއެކު އޮންނަ ގުޅުމަށްވާނެ ގޮތަކާ އެއްޗެހި. އެހެންވީމާ ތިމަންނާ ރައީސް [ޑރ.ވަޙީދު] ނިންމަވާ ގޮތަކަށް ނިންމަވާނަމޭ.'' ރައީސް ޔާމީން ވިދާޅުވިއެވެ

ރާއްޖެ އަބަދުވެސް ތަރައްޤީ ކުރެވޭނީ ބޭރުގެ އިންވެސްޓަރުން ގެނެސްގެން ކަމަށާއި, އެވަރުގެ އިންވެސްޓްމަންޓެއް ހުއްޓާލައިފިކަމަށްވަންޏާ ރާއްޖެއަށް އެފަދަ އިންވެސްޓްމަންޓްތައް ނާންނާނެ ކަމަށާއި, ވީމާ ބޭނުންވެވަޑައިގަންނަވަނީ ޖީއެމްއާރާއެކު ކުރިއަށް ވަޑައިގަންނަވަންކަމަށް ތަސްމީނު ވިދާޅުވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިކަން ވިސްނަވައި ދެއްވާން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އޭރުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާނު ވެސް ބައެއް ޖަލްސާތަކުގައި ޖީއެމްއާރް އެއްބަސްވުމާ ދެކޮޅު ހެއްދެވިކަމަށް ވިދާޅުވާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށާއި, އެކަމަކު އެއީ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އޭރު މާލިއްޔަތު ޤާނޫނަށް އިސްލާހު ގެންނެވީ ރާއްޖޭގެ މިނިވަންކަން ގެއްލެނީ ކަމަށް, އިގުތިސާދު މިއޮށް ގޮސް އަޅުވަތިވަނީ ކަމަށް, އިންޑިއާގެ ފައިދަށުވެ ނިމެނީކަން ގަބޫލު ކުރެއްވުނީމާ ކަމަށެވެ.

''ޖީއެމްއާރް އެގްރީމަންޓް ނޫނިއްޔާ ހަރުމުދާ ވިއްކައިލަން ޤާނޫނަށް ގެނައި އިސްލާހު ގެނައިއިރު އަޅުގަނޑުމެން ތިބީ އެއް އޮޑިއެއްގައި. އެކަމު ރައީސް ވަޙީދު އަޅުގަނޑުމެންގެ މަޝްވަރާއަށް އެއް ކުރެއްވިއިރު ޚިޔާލު މުޅިން ތަފާތުވެއްޖެ. ހުރިހާ ބޭފުޅުން އޭރު ތިއްބެވީ ޖީއެމްއާރާއެކު ކުރިއަށް ވަޑައިގަންނަވަން. މިއަދު ވެސް މި ތިބީ ހަމަ އެހެން ނޫންތޯ. މިއަދު ވެސް ހަމަ މި މީހުން މި ތިބީ އިންޑިއާއާ އެކީ ކުރިއަށްދާން.'' ރައީސް ޔާމީން ވިދާޅުވިއެވެ.

އިނގިރޭސީންނާ ދެކޮޅަށް ބޮޑުވަޒީރު ނުކުމެވަޑައިގަތުން:

ކުރީގެ ރައީސް އިބްރާހިމް ނާޞިރު ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރުގައި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާރތިންގ ތަންޑޭވީ ބޮޑުވަޒީރު ނާޞިރާއި ބައްދަލުކުރެއްވިއެވެ.

މާފަންނު އަތިރީގޭގައި [ އޭރު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު] ބޭއްވި އެ ބައްދަލުވުމުގައި, އިނގިރޭސި ސަރުކާރުން ނާޞިރުގެ އަތްޕުޅަށް އަރުވަން ޑޭވީއާއި ހަވާލުކުރައްވާފައިވާ ސިޓީ ނާޞިރުގެ އަތްޕުޅަށް އެރުވިއެވެ.

އެ ސިޓީގައި އޮތީ ރާއްޖޭގެ ދެކުުނުގައި ވަކި ދަޢުލަތެއް އުފައްދަވައިގެން އުޅުއްވި އައްޑޫ ހިތަދޫ ޢަފީފާއި އޭނާގެ ޢާއިލާ ސީޝެލްސްއަށް ގެންދެވި ވާހަކައެވެ.

އެ ސިޓީ ވިދާޅުވެފައި ބޮޑުވަޒީރު ނާޞިރު ސުވާލު ކުރެއްވީ މާލޭގައިވާ ދިވެހި ސަރުކާރު ނޫން އެހެން ސަރުކާރެއް އިނގިރޭސިން ޤަބޫލުނުކުރާނެކަމަށް ލިޔުމުން ދިވެހި ސަރުކާރަށް ޔަޤީންކަންދީފައި ވޭ ނޫންތޯއެވެ! ވީމާ ދިވެހި ސަރުކާރަށް އެންގުމަކާއި ނުލައި ޢަފީފާއި އޭނާގެ ޢާއިލާ ރާއްޖޭގެ ސަރަހައްދުން ބޭރަށް ގެންދެވިގެން ނުވާނެނޫންތޯއާއި, އެކަން އެގޮތަށް ކުރެއްވީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.

ނަމަވެސް ދެއްވި ޖަވާބުގައި ޑޭވީ ވިދާޅުވީ ރާއްޖެއަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ޤައުމެއް ކަމަށާއި, ''ތިމަންނަމެން ބޭނުންވި މީހަކު، ބޭނުންވި ތަނަކަށް، ބޭނުން އިރަކު ގެންދެވޭނެ'' ކަމަށާއި, ދިވެހިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ޑޭވީގެ އެ ޖަވާބާ ގުޅިގެން ބޮޑުވަޒީރު ނާޞިރު ވިދާޅުވީ
އިނގިރޭސިން ބޭނުންހައި ގޮތެއް ދިވެހިންނަކަށް ވެސް ނުހެދޭނެ ކަމަށާއި, ދިވެހިންނަށް ވެސް ހެދޭނެގޮތް ހުންނާނެ ކަމަށެވެ. އަދި އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ހިނދުކޮޅަކު ވެސް ތިއްބަވާކަށް ބޭނުންވެވަޑައި ނުގަންނަވާ ކަމަށާއި, ހިމާޔަތުގެ ދަށުން ވަކިވާން ބޭނުންފުޅުވާ ކަމަށެވެ. އަދި އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހިން ވަކިވަން ބޭނުންވާ ވާހަކަ ދައްކަން އިނގިރޭސި ސަރުކާާރުން އެއްބަސްނުވާހައ ހިނދަކު އިނގިރޭސިންނާއި އެއްވެސް ވާހަކައެއް ދައްކަވާކަށް ނެތިން ކަމަށް ވިދާޅުވެ, ބައްދަލުވުމުން ނިކުމެވަޑައިގަތީއެވެ.

އެ މަނިކުފާނު އޭގެ ފަހުން ހުންނެވީ އެ ގޮތުގެ މަތީގައިކަމަށްވުމުން އިނގިރޭސީންނަށް ދޫދޭން ޖެހުނެވެ. ރާއްޖެ މިނިވަންވުމުގެ ވާހަކަ ދައްކަން ޖެހުނީ އެއްބަސްވާށެވެ. އެންމެ ފަހުން އެ މަނިކުފާނުގެ މަސައްކަތްޕުޅު ހުއްޓަވައިލެއްވީ އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވުމަށްފަހުގައެވެ.

ދެ ބޭފުޅުންގެ ހަޔާތްޕުޅުން އެއްގޮތް ކަމެއް:

އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު ދީފައި ބާއްވަން މަޝްވަރާކުރާ ބައްދަލުވުމެއްގައި ޕީޕީއެމް ތަމްސީލެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ބައްދަލުވުމުން ނިކުމެވަޑައިގަތުމާއި, އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހިން ވަކިވަން ބޭނުންވާ ވާހަކަ ދައްކަން އިނގިރޭސި ސަރުކާާރުން އެއްބަސްނުވާހައި ހިނދަކު އިނގިރޭސިންނާ އެއްވެސް ވާހަކައެއް ދައްކަވާކަށް ނެތިން ކަމަށް ވިދާޅުވެ ރައީސް ނާޞިރު ބައްދަލުވުމުން ނިކުމެވަޑައިގަތުމުން ދޭހަވީ އެކައްޗެކެވެ.

ރައީސް ނާޞިރު ވެސް, ރައީސް ޔާމީން ވެސް ބޭރުގެ އަޅުވެތިކަމުގައި ހިނދުކޮޅަކު ވެސް ތިއްބަވަން ބޭނުންފުޅު ނުވިކަމެވެ. އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ޤައުމީ ލޯތްބެވެ. ރައްޔިތުންގެ ޙައްޤުގައި ތިއްބެވި ކަމެވެ. އާދެ, ޙުއްބުލްވަޠަންގެ މަތިވެރި ސިފައެވެ.

  1. ވަރަށްވެސް ބޮޑު ހަގީގަތެއް. މިހާރު މި ދެކެނީ އަޅުވެތިކަމުގެ ދައުރެއް.

  2. ޤައުމީ ބަތަލުން މިފެންނަނީ !