ފަރުކޮޅުފުށި ހަފްލާތަކަށް ދޫކުރަން ފަށައިފި

ކޯވިޑް19އާ ގުޅިގެން ބަންދުކޮށްފައި އޮތް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި އާއްމު ހަފްލާތަކަށް ދޫކުރަން ފަށައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ އެކިއެކި ހަފްލާތަކަށް ފަރުކޮޅުފުށި ދޫކުރުމަށް ބުކިންއަށް ހުޅުވާލައިފައިވާ ކަމަށެވެ. ފަރުކޮޅުފުށި ކުއްޔަށް ހިފުމަށް އެޗްޑީސީއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
2016 ވަނަ އަހަރު ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކާ ފަރުކޮޅުފުއްޓާއި ގުޅުވާލުމަށްފަހު، އެޗްޑީސީން ވަނީ އެކިއެކި ހަފްލާތައް ބޭއްވުމަށް އާއްމުންނަށް އެތަން ދޫކޮށްފައެވެ.
އާއްމު ހަފްލާތަކަށް ފަރުކޮޅުފުށި ދޫކުރުން މެދުކަނޑާލީ ރާއްޖޭގައި ކޯވިޑް 19ގެ ޙާލަތު ގޯސްވުމުގެ ސަބަބުން ކޮވިޑް އައިސޮލޭޝަން ފެސިލިޓީއެއް އެތަނުގައި ގާއިމްކުރުމަށެވެ.
ފަރުކޮޅުފުއްޓަކީ ކައިވެނި ހަފްލާތަކާއި އިވެންޓުތައް ބޭއްވުމަށް އާންމުންގެ ތެރޭގައި މަގްބޫލު ތަނެކެވެ.