އަޅުގަނޑުގެ ސަރުކާރުގައި އެއްވެސް ފަނޑިޔާރަކަށް ނުފޫޒެއް ނުފޯރުވަން, އެއީ ތަފާތަކީ: ރައީސް ޔާމީން
އެ މަނިކުފާނުގެ ސަރުކާރުގައި ފަނޑިޔާރަކު ލައްވައި ވަކި ކަމެއް ވަކި ގޮތަކަށް ކުރައްވަން ވިދާޅުވެފައެއް ނޯންނާނެ ކަމަށާއި, އެމްޑީޕީއާ ތަފާތުވާ ސަބަބަކީ އެެއީކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މިހާރު ޝަރުޢީ ނިޒާމުގެ ކަންކަން ހުރި ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންނަކީ ދައުލަތުން އެދޭހައި ކަމެއް ކުރައްވަން ތިއްބަވާ ބޭފުޅުންނެއް ނޫން ކަމަށާއި, ފަނޑިޔާރުންނަކީ ވަރަށް ވަރުގަދަ, ވަރަށް މުޤައްދަސް ކަންތައް ކުރައްވާ ބައެއް ކަމަށެވެ.
''ދައުލަތުން އެދުނީމަކާ ދައުލަތުން އެދޭހާ ގޮތަކަށް ފަނޑިޔާރުން ނުޖެހޭނެ ކަންތައް ކުރާކަށް. އެއީ ގޯސްވީ.''
''ގޮނޑިޔާ ހަމައަށް އައިމަ ޢަދުލުވެރިވާށޭ އަޅުގަނޑުގެ އިލްތިމާސަކީ. އިންސާފަށް ލޯބިކުރާށޭ. ސަރުކާރުން އެ ބުނާ ކަންތައްތަކަށް ބިރު ނުގަންނާށޭ.'' ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއް ވެސް ހިނގައިފި ކަމަށާއި, ނަމަވެސް ފަނޑިޔާރަކު ލައްވައި ވަކި ކަމެއް ވަކި ގޮތަކަށް ކުރައްވަން ވިދާޅުވެފައެއް ނޯންނާނެ ކަމަށެވެ.
''އަޅުގަނޑުމެންގެ ސަރުކާރެއް ވެސް ހިނގި. އެއްވެސް ފަނޑިޔާރަކު އަޅުގަނޑާއެކީ ރައްޔިތުން ކުރިމަތީ ވިދާޅުވެބައްލަވާ. އެ ފަނޑިޔާރަކު ލައްވާ ސަރުކާރުން އަޅުގަނޑުގެ ފަރާތުން ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ބުނިތޯ. ނޯންނާނެ ބުނެފައެއް. އެއީ ތަފާތަކީ ދެއްތޯ.''
ރައީސް ޔާމީން ވިދާޅުވީ ކޮންމެ ފަނޑިޔާރަކު ވެސް ބައްލަވަން ވާނީ އެ ފަނޑިޔާރެއްގެ ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި މިންވަރަކުން އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތް ކުރައްވައި ޢަދުލުވެރި ޙުކުމެއް ކުރެއްވުމަށް ކަމަށެވެ. އަދި އެއީ ޒާތީ ތަޢައްސުބާއެކީ ނުވަތަ ބިރުވެރިކަމަކާއެކީ ނޫންނަމަ ޕްރޮމޯޝަނެއް ލިބިވަޑައިގަންނަވާނެތީ ނިންމަވާ ނިންމެވުމަކަށްވެގެން ނުވާނެ ކަމަށެވެ.
ތެދެއް ބިރެއް ނުދައްކާނެ. ފުރާޅުން ޓިނުނަގައިގެން ވަދެ ހައްޔަރު ކުރާނީ..ހެހެހެ