ވޯލްޑް ކަޕް ކަވަރޭޖުގެ ޓައިޓަލް ޕާޓްނަރަކަށް އުރީދޫ
މީޑިއާނެޓުން މި އަހަރު ރާއްޖެ ޓީވީ އަދި އައިސް ޕްލަސްއާ ގުޅިގެން ފީފާ ވޯލްޑް ކަޕް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވާއިރު، މި އަހަރުގެ ކަވަރޭޖުގެ ޓައިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ހަފްލާ ބާއްވައިފައިވަނީ އިއްޔެ ސޮލައިޓް ރެސްޓޯރެންޓްގައެވެ.
މި ހަފްލާގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ، އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް-ހަމަދީ އަދި ސީސީއޯ ހުސެން ނިޔާޒްއެވެ. މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ، މީޑިއާނެޓްގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަފީއު އާއި ސީއޯއޯ އަހުމަދު ނަބާހްއެވެ.
މީގެ އިތުރުން އުރީދޫން ވަނީ އައިސް ޕްލަސް އަދި ރާއްޖެ ޓީވީއާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އުރީދޫގެ ސީއީއޯ ހާލިދު އަލް-ހަމަދީ ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕަށް އުރީދޫގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށެވެ.
އަދި ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް ކަމަށާއި އެއީ އުރީދޫ ގްރޫޕާ ވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅުވަރެއް ކަމަށް އަލް-ހަމަދީ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓް އާއި މިއަދު މި ޕާޓްނަޝިޕް ގާއިމް މި ކުރީ ނުހަނު އުފަލާ އެކު”އޭނާ ވިދާޅުވިއެވެ.
މީޑިއާނެޓުގެ ސީއޯއޯ ނަބާހް ވިދާޅުވީ މި އަހަރު ރާއްޖޭގެ ތާރީހުގައި ވެސް އަލަށް ވޯލްޑް ކަޕް ހަމައެކަނި %100 ދިވެހި ޗެނަލްތަކަކުން ފެނިގެންދާނެ ކަމަށެވެ. އަދި މި އަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ފެނިގެންދާނީ އައިސް ޕްލަސް އަދި ރާއްޖެ ޓީވީން ކަމަށާއި މި މުނާސަބަތުގައި އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓަށް ވެސް ލިބިގެންދާ ޝަރަފެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20ގައެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެކި ޕްރޮގްރާމްތަކާއި ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތައް އުރީދޫން ވަނީ ރާވާފައެވެ.