މެންދުރުގެ ހޫނުގަދަ ވަގުތުގައި ތުރާކުނުން ޕީޕީއެމްގެ ''ރިޔާސީ ކެންޑިޑޭޓަށް'' ހޫނު މަރުހަބާއެއް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހއ.ތުރާކުނަށް ވަޑައިގެންފިއެވެ.
ހއ.އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޔާމީން ތުރާކުނަށް ވަޑައިގަތީ މީގެ ބައިގަޑިއެއްހައިއިރު ކުރިންނެވެ.
އެ ރަށުން ރައީސް ޔާމީނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ރައީސް ޔާމީން މިއަދު ތުރާކުނަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެ މަނިކުފާނާ އިސްތިގުބާލު ކުރަނީ. ފޮޓޯ: ޕީޕީއެމް
ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ކެލަޔަށެވެ. ކެލަޔަށް ވަޑައިގެން މިރޭ އެ ރަށުގައި އޮންނަ ޖަލްސާގައި ބައިވެެރިވެވަޑައިގަންނަވާނެއެވެ.
ހއ.އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޔާމީން ފުރަތަމަ ވަޑައިގަތީ އިހަވަންދުއަށެވެ. މި ދަތުރުފުޅުގައި ރައީސް ޔާމީން ދިއްދުއަށާއި ބާރަށަށް ވެސް ވަޑައިގަންނަވާނެއެވެ.
މިއީ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް ޔާމީން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރެއްވުން ހިމެނެއެވެ. އަދި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުން ވެސް ކުރިއަށްދާނެއެވެ.