ދުނިޔެ

1971 ވަނަ އަހަރު ޕާކިސްތާނުން ބަންގްލަދޭޝްގައި ހިންގީ ގަތުލު އާއްމެއް ކަމަށް ކަނޑައަޅަން ޤަރާރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އަސްކަރިއްޔާއިން 1971 ވަނަ އަހަރު ބަންގްލަދޭޝް ދަރިކޮޅުގެ މީހުންނާއި ހިންދޫންނާ ދެކޮޅަށް ހިންގި ޖަރީމާތަކަކީ "ނަސްލު ނައްތާލުމެއް" އަދި "އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް" ގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމުގެ ގޮތުން އެމެރިކާގެ ދެ މެންބަރަކު ހޮނިހިރު ދުވަހު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

މިއީ 1971 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރިއްޔާއިން ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކަކީ ޖަރީމާއެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޑާކާ ޔުނިވާސިޓީގެ ސެންޓާ އޮފް ޖެނޯސައިޑް ސްޓަޑީޒްގެ ޑިރެކްޓަރު ޕްރޮފެސަރު އިމްތިޔާޒް އަހުމަދު ވިދާޅުވިއެވެ.

މި ގަރާރު އެމެރިކާގެ ސެނެޓުން ފާސްކޮށް އެމެރިކާގެ ރައީސް ރުހުން ދީފިނަމަ 1971 ވަނަ އަހަރު ހިންގި ޖަރީމާގެ އަގު ވަޒަންކުރުމަށް ބަންގްލަދޭޝްއިން އދއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު 1971 ވަނަ އަހަރު ޕާކިސްތާނުން ހިންގި ނުރައްކާތެރި އަމަލުތަކަށް މައާފަށް އެދެން މަޖުބޫރުވާނެ ކަން ފާހަގަ ކުރެއްވިއެވެ.

ޔޫއެންބީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮންގްރެސް މެންބަރ ސްޓީވް ޗަބޮޓް އާއި އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ކޮންގްރެސް މެންބަރ ރޯ ކަންނާ ވަނީ 15 އޮކްޓޯބަރު 2022 ގެ ކުރީކޮޅު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް ގަރާރު ހުށަހަޅުއްވައި، ޕާކިސްތާނުން ބަންގްލަދޭޝްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ގޮވާލާފައެވެ.

ޗަބޮޓް ވިދާޅުވީ 1971 ވަނަ އަހަރުގެ ބަންގްލަދޭޝް ޖެނޯސައިޑް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"މި ޖަރީމާ ބަލައިގަތުމަކީ ތާރީޚީ ރެކޯޑް ހަރުދަނާވެ، އެމެރިކާގެ އަހުލުވެރިން ހޭލުންތެރިކުރުވައި، އެފަދަ ޖަރީމާތައް ބަލައިނުގަންނާނެ ކަން ނުވަތަ ހަނދާން ނައްތާނުލެވޭނެކަން ކުށްވެރިންނަށް އަންގައިދޭ ކަމެއް،" ޗަބޮޓް މިއަދު ކުރި ޓްވީޓްގައިވެއެވެ.

ޔޫއެންބީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި "1971 ވަނަ އަހަރުގެ ބަންގްލަދޭޝް ޖެނޯސައިޑް ބަލައިގަތުން" ގެ ނަމުގައި 8 ސޮފްހާގެ މި ގަރާރުގައި ޕާކިސްތާނުގެ ސަރުކާރަށް ގޮވާލާފައި ވަނީ މިފަދަ ޖަރީމާތަކުގައި ޕާކިސްތާނުގެ ދައުރު އޮތްކަން ގަބޫލުކޮށް، ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންގެ ކިބައިން ރަސްމީކޮށް މައާފަށް އެދުމަށާއި، މިކަމުގައި ބައިވެރިވެ، ދިރިހުރި ކޮންމެ ކުށްވެރިއަކަށް ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުވާ ކުރުމަށެވެ.

އަދި 1971 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން 1971 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބަންގްލަދޭޝްގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ކުށްވެރުމެވެ.

1971 ވަނަ އަހަރު ބަންގްލަދޭޝްގައި ހިންގި ޖަރީމާއަށް ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމުން ބަންގްލަދޭޝްއަށް ފައިދާވާނީ ކިހިނެއްތޯ އެހުމުން އެކަމަށް ކެމްޕެއިން ކުރާ ޕްރަދީޕް ކުމާރު ދައްތާ ވިދާޅުވީ ތިން ގޮތަކުން އެހީވާނެ ކަމަށެވެ. ފުރަތަމަ ކަމަކީ 1971 ވަނަ އަހަރުގެ މިނިވަން ކަމުގެ ހަނގުރާމައިގައި ބަންގްލަދޭޝްގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކަށް ޕާކިސްތާނުން ޝަރުތެއް ނެތި މައާފަށް އެދުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރު ޕާކިސްތާނަށް ކުރިމަތިވާނެއެވެ.

ދެ ވަނަ ކަމަކީ، ޕާކިސްތާނުން ޝަހީދުކޮށް، އަނިޔާކޮށް، ރޭޕްކޮށް، އިންޑިއާގެ ބޯޑަރު ހުރަސްކޮށް ކޭމްޕްތަކުގައި ހިމާޔަތް ހޯދަން މަޖުބޫރުކުރި މީހުންނަށް ބަދަލު ދިނުމަށް ގޮވާލާ އަޑު ގަދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!