ބާރަށު ސުކޫލުގައި ދިވެހި މާއްދާ ކިޔަވައިދެމުން ދަނީ އިންޑިއާ ޓީޗަރެއްކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބުރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނާއެކު ބާރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝުޖާޢު ވިދާޅުވީ އިންޑިއާގެ ނުފޫޒު ދިވެހިރާއްޖެއަށް އޮތް މިންވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ބަލާލުމުންވެސް ފެންނާނެ ކަމަށެވެ. އަދި ބާރަށު ސްކޫލުގައި ދިވެހި މާއްދާ ކިޔަވައިދޭނެ ދިވެހި މުދައްރިސެއް ނެތްކަމަށް ބުނެ އެ މާއްދާ ކިޔަވައިދެމުންދަނީ އިންޑިއާ މީހެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.
“އިއްޒަތްތެރި ރައީސް. ބާރަށު ސްކޫލުގައި ދިވެހި ކިޔަވައިދެނީ އިންޑިއާ މީހުން މިހާރު. އެކަމަކު އަޅުގަނޑުމެންގެ ދިވެހި މާއްދާ ކިޔަވައިދޭނެ ޓީވަރަކު މިހާރު ނެތް. އަޅުގަނޑުމެންނަށް އޯކޭހޭ އިންޑިއާ ޓީޗަރަކު ބާރަށު ސްކޫލުގައި ދިވެހި ކިޔަވައިދޭން ހުންނަން” ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ބާރަށުގެ ރައްޔިތުންނަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަބަދުވެސް އިހުތިޖާޖު ކުރާ ރައްޔިތުން އުޅޭ ރަށެއްކަމަށެވެ. އަދި އެކަމުގައި ދެމިތިބުމަށް ޝުޖާޢު ވަނި ގޮވައިލައްވާފައެވެ.
ޝުޖާއުގެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޝުޖާޢު ދެންނެވީ ދޮގު ވާހަކައެއް ކަމަށާއި “އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުން އާއްމުވެ، އެންމެ ފަހުން އެބޭފުޅުންނަށްވެސް ބަޔަކު މިއޮތީ އޮޅުވާލާފައި” ކަމަށެވެ.